ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދުމަށް އިމިގްރޭޝަންގެ ޓާސްކް ފޯސް އިން އިއްޔެ ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 20 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި ޖުމްލަ 55 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ބަލާފައެވެ.
އަދި އޭގެ ތެރެއިން އިމިގްރޭޝަން ޤަވާއިދާ ޚިލާފުވެފައިވާ ކަމަށް ފާހަގަކުރެވުނު 20 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
މީގެ ކުރިން ސަރުކާރުން ބުނެފައިވާގޮތުން، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ޓާސްކް ފޯސް އިން ސިލްސިލާ ގޮތެއްގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ތަންތަން ރެއިޑްކޮށް، މިދިޔަ ސެޕްޓެމްބަރު މަހާ ހަމައަށް ގަވާއިދާ ހިލާފަށް އުޅޭ 8،600 ބިދޭސީން ވަނީ ރާއްޖޭން ޑީޕޯޓްކޮށްފަ އެވެ.
މީގެ އިތުރުން، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން ލައްކައަކަށް ވުރެ ގިނަ މީހުންގެ ބަޔޮމެޓްރިކް ޑާޓާ ހިމެނޭ ގޮތަށް ތަފުސީލީ މައުލޫމާތުތައް އިމިގްރޭޝަނުން ވަނީ އެއްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް