އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފު ކުރަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.
މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި މިސްކިތްތަކުގައި ދާއިމީ އިމާމުން ނެތުމުގެ ސަބަބުންނާއި ވަގުތީ އިމާމުން ތިބުމުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް، މިނިސްޓްރީން މި ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މި މައްސަލަ ރަށްތަކުގައި ދިމާވެފައިވަނީ މިސްކިތްތަކުގެ ޢަދަދު ގިނަވުމާއި އިމާމުންގެ ވަޒީފާ އަދާކުރެވޭ މިންވަރުގެ ފެންވަރު ހުރި މީހުން ބައެއް ރަށްތަކުގައި މަދުކަމުން ކަން ވަނީ ފާހަގަ ވެފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަދި ވިދާޅުވީ މި މައްސަލަ އަށް ޙައްލު ހޯދުމަށްޓަކައި އޯލެވެލް ނިންމާ ދަރިވަރުންގެ ތެރެއިން ދާއިރާއަށް ޝައުޤުވެރިވާ ކުދިންނަށް އިތުރަށް ވަޒީފާގެ ފުރުޞަތު ފަހި ކުރުމާއި، އިމާމުކަމުގެ ކޯހެއް ނުވަތަ އެއާ ގުޅުން ހުރި ކޯހެއް ނެތް ފަރާތްތަކަށް، މިނިސްޓްރީން ކަނޑާއަޅާ މިންވަރުގެ މުޤައްރަރެއް ކަނޑައަޅައި ޢާއްމުކޮށް އޭގެ ދަށުން ކޮންމެ އަހަރަކު އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފްކޮށް އިމާމްކަންކުރުމުގެ ހުއްދައެއް ތަޢާރަފް ކުރުމަށް މިނިސްޓްރީން ދަނީ މަޝްވަރާކުރަމުން ކަމަށެވެ.
ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް