މިކުދިންނަށް ދޭނެ ލޯތްބެއް ނެތީހެއްޔެވެ؟
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
މުޖުތަމައުއެއް ބިނާވެގެންދަނީ ހުރިހާ ފަރުދުން ގުޅިގެން ކަންކަން ނިންމައި، ހުރިހާ ފަރުދުންނަށް އަޅާލާ އަދި އެހީތެރިވާނެފަދަ ގޮތަކަށް ދައުލަތެއް ބާރުވެރިކުރުވުމުގެ މަގުސަދުގައެވެ. ދައުލަތެއް، ވަކިވަކި ފަރުދުންގެ އިތުބާރުން ބާރުވެރިކުރުވާހިނދު، ވަކިވަކި ފަރުދުންގެ އޮންނަ ފަރުދީ ޒިންމާގެ މަތިން ހަނދާންވަނީ ތީގެތެރެއިން ކިތައް ބޭފުޅުންބާވައެވެ؟
ދިވެހި މުޖުތަމައުގައި އެބަޔަކަށް އެންމެ ބޮޑަށް އަޅާލައި އޯގާތެެރިވާންޖެހިފައިވާ ބަޔަކީ ކުޑަކުދިންނެވެ. މާދަމާގެ މުސްތަގްބަލް ކަމުގައިވާ މި ކުޑަކުދިންގެ އުފަލާއި އަރާމަކީ، އަޅުގަނޑުމެންގެ މިއަދުގެ އަމާޒަކަށް މިވަނީ ހަދަންޖެހިފައެވެ. އާންމު ގޮތެއްގައި ރައްކާތެރި ހާލަތްތަކުގައި ރާއްޖޭގެ ކުޑަކުދިން ދިރިއުޅޭކަމީ އެއްބަސްވެވޭނެ ކަމެކެވެ. ނަމަވެސް މީގެ ތެރެއިން މަދު އަދަދެއްގެ ކުދިންނަކީ ހަގީގީ އާއިލާއެއްގެ ފުރިހަމަ ލޯބިން، އެކުދިންގެ ކުށަކާއި ނުލައި މަހުރޫމްވެފައިވާ ކުދިބަޔެކެވެ.
މިގޮތުން ފާހަގަކޮށްލެވޭ އެއް ކުދިބަޔަކަށް ވާނީ ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައި، ހުޅުމާލޭގެ ފިޔަވަތި އަދި ވިލިމާލޭގެ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މި ކުދިންގެ ކެއުމާއި ބުއިމާއި، ފޮތް ފަންސޫރާއި ލާނެ އަންނައުނަށް ދާންދެން ހެޔޮއެދޭ ފަރާތްތަކާއި ދައުލަތުން ހަމަޖައްސައިދޭކަމީ މިއަދު އަޅުގަނޑުމެން އުފާކުރަންވީ ކަމެކެވެ. ނަމަވެސް އެ މައުސޫމް ކުދިންނަށް ހައްގުވާ މިންވަރުގެ ލޯބި، ދައުލަތުގެ ބެލުމުގެ ދަށުން ލިބޭނެބާވައެވެ؟

މި ސުވާލު އުފައްދަން މިޖެހެނީ ސޯޝަލް މީޑިޔާގެ ޕޯސްޓްތަކުންނާއި ނޫސްތަކުގެ ފަލަ ސުރުޙީތަކުން ފެންނަ ވާހަކަތަކުންނެވެ. އެ ހިޔާތަކުގައި އުޅޭ ކޮންމެވެސް ކުއްޖަކަށް ގޯނާ ކުރި ހަބަރެކެވެ. ނުވަތަ އެއިން ކުއްޖެއް އޮރިޔާންކޮށް ލަދުގަންނަވާލި ފަދަ ހަޑި އަދި ލަދުވެތި ހަބަރެކެވެ. ދައުލަތެއްގެ މަތިވެރި ބެލުމުގެ ދަށުގައި ތިބޭ މި ތުއްތު މައުސޫމް ކުދިންނަށް ހައްގު މިންވަރަކީ ހަމަ ގައިމުވެސް މިއެއް ނޫނެވެ. އެކުދިންނަށްވެސް ހަގީގީ އާއިލާއެއްގެ ލޯބި ބޭނުންވެއެވެ.
އެޑޮޕްޝަން އަދި ފޮސްޓަރ ފަދަ ކަންކަމަކީ ހަގީގަތުގައި ރާއްޖެއަށް މުޅިން އާ ކަމެކެވެ. މިއަހަރުގެ ތެރޭގައި ކުޑަ ދުވަސްކޮޅަކަށް ފޮސްޓަރ ކުރުމުގެ ޕްރޮގްރާމެއް ޖެންޑަރ މިނިސްޓްރީން ހިންގިއެވެ. ކުޑަ ދުވަސްކޮޅަކަށް ނަމަވެސް އެކުދިންނަށް އާއިލާއެއްގެ ލޯބި ވާސިލްކޮށްދިނުމަކީ ކުރެވުނު މުހިންމު ކަމެކެވެ. ނަމަވެސް އަނެއްކާ އުމުރުގެ ބާކީބައި، ދައުލަތުގެ ނިޒާމުގެ ތެރެއަށް ގެއްލިދާ ކުއްޖަކަށް ވާން ދޫކޮށްލަންވީހެއްޔެވެ؟

މިކަމުގެ ހައްލަކަށް ހަގީގަތުގައި އެޑޮޕްޝަން ޕްރޮގްރާމެއް އެބަ ބޭނުންވެއެވެ. އާއިލާއެއްގެ ލޯބިން މަހުރޫމްވެފައިވާ ކުދިންނާއި، ކުޑަކުއްޖެއްގެ އުފަލުން މަހުރޫމްވެފައިވާ އާއިލާތައް ގުޅުވައިދީ ދުޅަހެޔޮ މުސްތަގްބަލެއް އެކުދިންނަށް ހޯދައިދޭން އެބަޖެހެއެވެ. ފުރިހަމަ ލޯތްބަކީ އެކުދިންގެވެސް ހައްގަކަށް ވާތީއެވެ. އުފާވެރި މުސްތަގްބަލަކީ އެކުދިންވެސް ދެކޭނެ ހުވަފެނަކަށް ވާތީއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް