ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގު ކުރައްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤު ކުރައްވައިފި އެވެ.
މިބިލަކީ، މި ނޮވެންބަރު 10 ވީ ހޯމަދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 17 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުން ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަޤާމާއި ޝަރުޢީ ދާއިރާގެ މުސްތަޤިއްލުކަން ދެމެހެއްޓޭނެ ފަދައަކުން އަދި ޝަރުޢީ ދާއިރާގެ އިތުބާރު ދެމެހެއްޓޭނެ ގޮތަށް މަސްއޫލިއްޔަތު އަދާކުރާ ފަރާތްތަކެއްކަން ކަށަވަރުކުރެވި، ފަނޑިޔާރުން ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑު ޤާނޫނުގައި ކަނޑައެޅި، ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތައް އިތުރަށް ތަފްޞީލުކުރެވި، ފަނޑިޔާރުން ޢައްޔަންކޮށްފައިވާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރުމުގެ އުސޫލުތަކާއި ވަގުތީގޮތުން އެހެން ކޯޓެއްގެ މަސައްކަތްތައް ޙަވާލުކުރުމުގެ އުސޫލުތައް ޤާނޫނުގައި ކަނޑައެޅި، ފަނޑިޔާރުން ވިޔަފާރިކުރުމާއި މާލީ ބަޔާން ހުށަހެޅުމާގުޅޭ އުސޫލުތައް މުރާޖަޢާކުރުމުގެ އިތުރުން، ޝަރުޢީ ދާއިރާގެ ހިންގުން ހަރުދަނާކޮށް، ޤާނޫނު ތަންފީޒުކުރުން ހަރުދަނާކުރުމުގެ ގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ގެނެވިގެންދާނެ އެވެ.
މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް