ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލެ ޖަލުގެ އާ ޔުނިޓް ބޭނުންކުރަން ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކޮވިޑް ފެސިލިޓީގައި ގާއިމްކުރި ހުޅުމާލެ ޖަލުގެ އާ ޔުނިޓް ބޭނުންކުރަން ފަށައިފިއެވެ.
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ކޮވިޑް ފެސިލިޓީގައި ގާއިމްކުރި މި ޔުނިޓް ނިންމައި އެތަނަށް 16 ގައިދީއަކު ވަނީ ބަދަލުކޮށްފައެވެ. ކަރެކްޝަނަލް ސާވިސް އިން ވަނީ އެތަން ނޫސްވެރިންނަށް ދައްކާލައި، އެތަނުގައި ހުރި ވަސީލަތްތައް ނޫސްވެރިންނާ ހިއްސާކޮށްފައެވެ. މި ޔުނިޓް ގާއިމްކޮށްފައިވަނީ ކަރެކްޝަނަލް ސާވިސްއިން ބިނާކުރާ ދެ ބުރި އިމާރާތުގައެވެ. މި އިމާރާތުގައި ފަސް ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާއިރު، މިތަނުގައި ޖުމްލަ 140 ގައިދީންނަށް ތިބެވޭނެއެވެ.

އަލަށް ނިންމި ޔުނިޓް ނޫސްވެރިންނަށް ދައްކާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރަމުން ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ، ޑީއެސްޕީ އަޙްމަދު ޖާދުﷲ ވިދާޅުވީ، މިއީ ޙުކުމް ތަންފީޛުކުރާ ޤައިދީންގެ ތެރެއިން، ފަންނީ މަސައްކަތުގައި މާލޭ އޭރިއާގައި އުޅޭ ޤައިދީން ބޭތިއްބުމަށް، ތައްޔާރުކުރެވުނު ޖަލެއް ކަމަށެވެ. މި މަސައްކަތުގެ ގުރައުންޑް ފޮލޯރގެ ހުރިހާ މަސައްކަތެއް ޖޫން މަހުގެ ތެރޭގައި ނިންމާލެވޭވަރު ވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެތަންތަން ނިމިގެން ދިއުމުން ކޯޓްތަކަށާއި، މެޑިކަލް އަށް މާލެ ގެންނަންޖެހޭ މީހުން ގެނެސް ބޭއްތިއްބުމަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނޭކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ގައިދީން މާލެ ގެނެސް ހެދުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދުތައް ކުޑަވެގެން ދާނޭކަންވެސް ކަރެކްޝަނަލް ސާވިސްއިން ފާހަގަކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް