ރިލްވާން މައްސަލާއާ ގުޅޭގޮތުން ރައީސް ސޯލިހު ރޭ ވަނީ އިތުރުފުޅު ހައްދަވާފައި: އުޝާމް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލައިގައި ތުހުމަތުކުރެވޭ ބަޔަކު މި ސަރުކާރުން ދޫކުރިކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ދެއްކެވި ވާހަކަފުޅު ބަންޑާރަ ނައިބު އަހުމަދު އުޝާމް މިއަދު ދޮގުކުރައްވައިފިއެވެ.
ކުރީގެ ތިން ރައީސުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވަނީ ރިލްވާން މައްސަލާގައި ހައްޔަރުކޮށްފައި ތިބި ބަޔަކު މި ސަރުކާރުން ދޫކުރިކަމަށް ވިދާޅުވެފައެވެ. ރައީސް ސޯލިހުގެ އެ ވާހަކަފުޅާ ގުޅިގެން ބަންޑާރަ ނައިބް އަހުމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނޫސްވެރިޔާ ރިލްވާންގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތައް މި ސަރުކާރުން ދޫކޮށްލިކަމަށް ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.
އުޝާމް ވިދާޅުވީ، ރިލްވާން މައްސަލާގައި ހައްޔަރުކުރި އެ މީހުން ދޫކޮށްލީ ރައީސް ސޯލިހްްްގެ ވެރިކަމުގައިކަމަށެވެ. އެގޮތުން އެފަރާތްތައް ބަންދުން ދޫކޮށްލާފައިވަނީ 2023 ވަނަ އަހަރު އިންތިހާބުގެ ދުވަސްވަރުކަމަށާއި، އެންމެ ފަހުން ބަންދުގަ ހުރި ފަރާތް ދޫކޮށްލާފައިވަނީ 2023 އަހަރުގެ ސެޕްޓެމްބަރު 19 ވަނަ ދުވަހު ކަމަށެވެ.
ބަންޑާރަ ނައިބު ވިދާޅުވީ މިބާވަތުގެ ސާފުކޮށް ފެންނަން ހުންނަ ކަންކަމުގައިވެސް ރައްޔިތުންނަށް އޮޅުވާލުމަށް ހަގީގަތާ ހިލާފު ވާހަކަތައް ދެއްކެވުމަކީ ދެރަ ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް