ނޭޕާލްގައި ފެންބޮޑުވުމުގެ ސަބަބުން ރައީސް ޑރ.މުއިއްޒުގެ މެސެޖެއް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިދިޔަ ދުވަސްތަކުގައި ނޭޕާލަށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހިނގާދިޔަ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ނޭޕާލަށް ބޯކޮށްވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާތަކުގައި ބޮޑެތި ގެއްލުންތަކެއްލިބި އެތައްބަޔަކު މަރުވި ހަބަރު އަޑުއެއްސެވީ ފުންހިތާ އާއެކުގައިކަމަށެވެ. ރައީސްގެ ޕޯސްޓްގައި ވަނީ މި ދަނޑިވަޅުގައި ރާއްޖޭގެ ރައްޔިތުންތިބީ ނޭޕާލާއެކުގައިކަން ފާހަގަކުރައްވާފައެވެ.
އޭއެފްޕީން ބުނެފައިވަނީ ނޭޕާލަށް ކުރިމަތިވި މޫސުމީ ވިއްސާރާގައި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކުގައި އެކަނިވެސް 60 ހަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވި އެކި ހާދިސާތަކުގެ ސަބަބުންކަމަށާއި، ގެއްލުނު މީހުންގެ އަދަދު އަދި މިހާތަނަށް ކަށަވަރުވެފައިނުވާކަމަށެވެ.

ނޭޕާލްގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ އެހާބޮޑު ގެއްލުމެއް ލިބުނީ ރޭގަނޑުގަޑީގައި ވެހުނު ބޯވާރޭގެ ސަބަބުންކަމަށެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހެލިކޮޕްޓަރުތަކުގެ އިތުރުން އެނޫންވެސް ވަސީލަތްތައް މެދުވެރިކޮށް ކުރަމުންދާކަމަށް އިދާރާތަކުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް