އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި ފުލުހުންގެ ޚިދުމަތާއި ވެމްކޯ އަދި މޯޕާ ގުޅިގެންނެވެ. މި ހަރަކާތް ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޒުހައިރު ވިދާޅުވީ، ސިލްސިލާކޮށް ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފްކުރުމުގެ މަސައްކަތް ކުރިއަށްގެންދާނޭކަމަށެވެ. މައިގަނޑު ބޭނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ބަލިމަޑުކަމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުންކަމަށް ޒުހައިރު ވިދާޅުވިއެވެ.

މި ހަރަކާތުގައި އެންމެ އިސްކަމެއްދީގެން ކުރިއަށްގެންދަނީ ހުޅުމާލޭގައި ދިރިއުޅެމުންދާ އާންމުނަށް އެންމެ އުނދަގޫވާ ސަރަހައްދުތަަކަށް އިސްކަންދީގެންނެވެ. އެގޮތުން އަމާން އުދަރެސް ޓަވަރުތައް ހުއްނަ ސަރަހައްދު ސާފްކުރުމުގެ މަސައްކަތް މިއަދު ފެށިއިރު، އެތަނުގައި ކުނިބުނި ގިނަވެ އަދި ވިއްސާރައާ ގުޅިގެން މަދިރި ގިނަވެ އެކަމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުންނަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

ޒުހައިރުވަނީ ކުރިއަށް އޮތްތަނުގައި އަމާން އުދަރެސް ސަރަހައްދު އާންމުނަށް ހިއްފަސޭހަވާނޭ ފަދަ ސަރަހައްދަކަށް ހައްދަވާނޭކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުޑަކުދިންނަށް ކުލެލެވޭނޭ އަދި އާއްމުނަށް ހިތްފަސޭހަކޮށްލުމަށް މައިޒާންފަދަ ތަންތަން ހެދިގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
އެފްޑީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ އަމާން އުދަރެސް ސަރަހައްދުގައި ހުރި ކުނިފުނިތައް ނައގައި އެ އެކުނިތައް އެއްކޮށް ސާފްކުރާނޭކަމަށާއި، އޭގެ ފަހުން ކުނިއަޅާ ފަރާތްތަކާމެދު އުސޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނޭކަމަށެވެ. އެފްޑީސީން ދަނީ އމާން އުދަރެސް އަދި ދޯދި ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ނިމުމުން އާއްމު ސަރަހައްދުތަކަށް ކުނިއަޅާ މީހުން ހޯދުމަށް ކުރަމުންގެންދާ މަސައްކަތްތައް ވަރަށްބޮޑަށް ފަސޭހަވެގެންދާނޭކަމަށް އެފްޑިސީން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް