ހޯރައިއްބެ ދޫކޮށްލުން ގަބޫލެއް ނުކުރެވޭ: އީވާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ކުޑަކުއްޖަކާއި އެއްކޮށް ޖިންސީގުޅުން ހިންގަންއުޅުނުކަމުގެ ތުހުމަތު ސާބިތުވެ، 10 އަހަރަށް ޖަލަށްލުމަށް ހުކުމްކުރެވުނު، ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރައިއްބެ) ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމާއި ދެކޮޅަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ނިކުމެވަޑައިގަންނަވައިފިއެވެ.
އީވާ މިގޮތަށް ހާމަކުރައްވާފައިވަނީ މިއަދު، ޓްވިޓަރގެ ޒަރިއްޔާއިންނެވެ.
އީވާ ވިދާޅުވީ ހޯރަ އިއްބެ ދޫކޮށްލުމަކީ އެކަމަނާއަށް އެއްވެސް ގޮތަކަށް ގަބޫލުފުޅުކުރެއްވޭ ކަމެއް ނޫނެވެ. އަދި ކުޑަކުދިންނަކީ އެއްވެސް ހާލަތެއްގައި ޖިންސީ އަމަލެއް ހިންގުމަށް ރުހުން ދެވޭނެފަދަ ފަރާތެއްކަމަަށް ގަބޫލުފުޅު ނުކުރައްވާކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އީވާ ވިދާޅުވީ މި ހާދިސާއިން އެތައް ގިނަ ބަޔަކަށް އެތަކެއް ހިތި ހަނދާންތަކެއް އާވެފައިވާ ކަމަށާއި، މި މައްސަލައިގެ ބޮޑުމިން އެނގިލައްވާކަމަށެވެ. އަދި ޖިންސީ މިފަދަ އަމަލުތަކުގެ ޝިކާރައަކަށް މީގެ ކުރިންވެފައިވާ ފަރާތްތަކަށްވެސް އެހީތެރިވުމުގެ ނިޒާމެއް ގާއިމްކުރެވެން ވާނެކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އޭނާގެ އަދަބު ލުއިކޮށްދިނީ، ހުކުމުގައި ބާކީ ފަސް އަހަރު އޮއްވަ އެވެ. މައުލޫމާތު ލިބޭގޮތުގައި، އަދަބު ލުއިކޮށްދިނީ ހުކުމުގެ ބާކީ އޮތް މުއްދަތުން ތިން ދުވަސް ނޫން އެހެން ހުރިހާ ދުވަހެއް މައާފްވާ ގޮތަށެވެ.
ހޯރައިއްބެ ދޫކޮށްލާފައިވަނީ އޭނާގެ އަންހެނުން ޒުއްރިއްޔާ އަދި އެމްޑީޕީގެ އެތައް ސޯޝަލް މީޑިޔާ އެކްޓިވިސްޓުން، އޭނާ ދޫކޮށްލުމަށް އެދި ކެމްޕެއިން ކުރި ފަހުންނެވެ. ނަމަވެސް ހޯރައިއްބެ ދޫކޮށްލުމާއި ދެކޮޅަށް ގިނަބަޔަކު ވަކާލާތުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް