ބޮޑުތަކުރުފާނު މަގު ހެދުމަށް ސުނާމީ ބިނާއިން ފެށިގެން އެމްޕީއެލް އާ ހަމައަށް މަސައްކަތް ފަށަނީ
ލިޔުންތެރިޔާ
އަޙްމަދު އާހިލް ސަޢީދު
މާލޭ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ސުނާމީ ބިނާއިން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ ދެމެދު އޮންނަ ސަރަޙައްދުގެ ޢަމަލީ މަސައްކަތް ފެށުމަށް އިންފްރާސްޓްރަކްޗާ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ފެށުމާ ގުޅިގެން އެ ސަރަޙައްދުގެ މަގުމަތީގައި ބަހައްޓާފައި ހުރި ތަކެއްޗާއި ސުނާމީ ބިނާ ސަރަޙައްދުގައި އަޅާފައި ހުރި އުޅަނދުތައް އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 11:00 ގެ ކުރިން ނެގުމަށް އެ ވުޒާރާއިން ވަނީ އަންގާފައެވެ.
ކަނޑައެޅި ސުންގަޑީގެ ފަހުން ނުނަގައި ހުންނަ ތަކެއްޗާއި އުޅަނދުތައް އެ ވުޒާރާގެ ފަރާތުން ނެގުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް އެ އެންގުމުގައި ބަޔާންކޮށްފައިވެއެވެ. މި މަޝްރޫޢަކީ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހިންގާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ބޮޑު ބައެއް ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާންމުންނަށް ހުޅުވާލާފައެވެ. މި މަސައްކަތް ނިމުމުން އެ ސަރަހައްދުން ދަތުރުފަތުރު ކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް