ޕީޖީ އޮފީހުގެ ޑިޖިޓަލް މަޝްރޫޢު "ޕީޖީއޯ 2.0" ރައީސް މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލާފައިވާ "ޕީޖީއޯ 2.0" މަޝްރޫޢު މިއަދު ރަސްމީކޮށް ލޯންޗުކޮށްފިއެވެ.
ބާސެލޯގައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި މި މަޝްރޫޢު އިފްތިތާޙް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި މަޝްރޫޢުގެ ދަށުން ޕީޖީ އޮފީހުގެ އެންމެހައި މަސައްކަތް އެއްކޮށް ޑިޖިޓައިޒް ކުރެވޭނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ. އެގޮތުން ޕްރޮސިކިއުޝަން މަސައްކަތަށް ޚާއްޞަ ސޮވްރިން އޭއައި (އާޓިފިޝަލް އިންޓެލިޖެންސް) ބޭނުންކުރަން ފެށުމާއި ކޭސް މެނޭޖްމަންޓް ސިސްޓަމުގެ ތެރެއަށް އެ ޓެކްނޮލޮޖީ ގުޅައިލުން ހިމެނެއެވެ.
ހަމަ އެ ޙަފްލާގައި ޕީޖީ އޮފީހުގެ އައު ވެބްސައިޓު ވެސް ތަޢާރަފުކޮށްފައިވެއެވެ. މީގެ އިތުރުން ރައްޔިތުންނާއި ދައުލަތުގެ އިދާރާތަކަށް ދެމުންދާ ޚިދުމަތްތައް ޑިޖިޓަލްކޮށް ފޯރުކޮށްދިނުމަށް ޤާއިމުކުރި "އީ-ދޮރޯށި" ޕޯޓަލް ވެސް ރަސްމީކޮށް ލޯންޗުކޮށްފައިވެއެވެ.
ޕީޖީއޯ 2.0 މަޝްރޫޢާ ގުޅޭ ތަފްޞީލީ މަޢުލޫމާތު އެ އޮފީހުގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް