އަމާޒަކީ ފެންވަރު ރަނގަޅު ދަތުގެ ފަރުވާ، ފަސޭހައިން ރައްޔިތުންނަށް ލިބުން: ނާއިބު ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދަތުގެ ފަރުވާގެ ދާއިރާއަށް ވުނަކުރުން އިތުރުކޮށް، ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅުކޮށް، ފަސޭހަކަމާއެކު އެ ޚިދުމަތް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުކުރުމަށް ސަރުކާރުން އިތުރަށް ސަމާލުކަން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ޙުސައިން މުޙައްމަދު ލަޠީފު ދެއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މި ޔަގީންކަންދެއްވާފައިވަނީ، ސަރުކާރުން ދެމުންގެންދާ ދަތުގެ ފަރުވާގެ ހިދުމަތުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ހޮޓެލް ޖެންގައި މިރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ދަތުގެ ފަރުވާގެ ދާއިރާއިން އާ އީޖާދުތަކާއި، ޒަމާނީ ފެންވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭނެ އަހަރުތަކަކަށް ހެދުމަށް މަސައްކަތްކުރެއްވުމަށް ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސް ކުރައްވާފަ އެވެ.
ދަތުގެ ފަރުވާއާގުޅޭ ޚާއްޞަ ދާއިރާތަކުން ދިވެހި ސްޕެޝަލިސްޓުން ޚިދުމަތުގައި މިއަދު ތިއްބެވުމަކީ ފަޚްރުވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

އަދި މިފަދަ ޚާއްޞަ ޚިދުމަތްތަކަކީ ހަމައެކަނި މާލެއަށް ބަރޯސާވެފައިވާ ޚިދުމަތްތަކަކަށް ހެދުމުގެ ބަދަލުގައި، އަތޮޅުތެރޭގައިވެސް ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ތަކުރާރުކުރެއްވި އެވެ.
މިމޭރުމުން ކުރަންޖެހޭ މަސައްކަތްތައް މިވަގުތުވެސް ބާރު ދުވެލީގައި ކުރިއަށްދާ ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.
އެމަނިކުފާނު ވަނީ ރާއްޖޭގެ ދަތުގެ ފަރުވާގެ ހިދުމަތަކީ މުޅި ސަރަޙައްދުގައިވެސް ފާހަގަކޮށްލެވޭ ފަދަ ފެންވަރު މަތީ ޚިދުމަތަކަށް ވެގެންދިއުމުގެ އުންމީދު އައުކުރައްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް