ގޭންގްތަކާ މަޝްވަރާ ނުކުރެވޭނެ އެއީ ޤާނޫނީ ކުށެއް - ޢުމަރު ނަސީރު
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ގޭންގްތަކާއި ސަރުކާރުން މަޝްވަރާ ނުކުރެވޭނެކަމަށާއި އެއީ ޤާނޫނީ ކުށެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަޝީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަޝީރު މިހެން ވިދާޅުވެފައިވަނީ ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ގޭންގްތަކާ މަޝްވަރާ ކުރެއްވުމަށް ތައްޔާތަށް ހުންނެވިކަމަށް ވިދާޅުވުމުން އެކަމަށް ރައްދުދެއްވައި "ވޮއިސް" އަށް ދެއްވި އިންޓަވިއުއެއްގައެވެ.
އުމަރު ވިދާޅުވިގޮތުގައި ސަރުކާރު ފަރާތުން ގޭންގްތަކާ ވާހަކަ ދައްކާ މިނިސްޓަރަކުވެސް އެކުރައްވަނީ ޤާނޫނީ ކުށެއްކަމަށާއި، މިކަން ވަނީ ރާއްޖޭގައި ގޭންގްތަކާ ބެހޭ ޤާނޫނުން މަނާކުރެވިފައެވެ. އަދި މި ޤާނޫނަށް ބޯލަބަންޖެހޭނެ ކަން އޭނާ ފާހަގަކުރެއްވެވިއެވެ.
އުމަރު އިތުރަށް ވިދާޅުވިގޮތުގައި ސަރުކާރުން ގޭންގްތަކާ މަޝްވަރާ ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ގޭންގްތަކަށް ލިބިގެންނުވާކަމަށާއި، ކްރިމިނަލްތަކަކާ ސަރުކާރުން ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެކަށް ވިދާޅުވިއެވެ.
"ގޭންގްތަކުގައި ކުދިންނެއް ނޫޅޭނެ، އެއީ ރޭޕިސްޓުންނާއި މާޑަރާސް. އެމީހުން އިޖުތިމާއި މަސައްކަތްތަކަކަށް ނުނެރެވޭނެ" އުމަރު ވިދާޅުވިއެވެ.
މިނިސްޓަރ މަހްލޫފް ވިދާޅުވިގޮތުގައި ގޭންގް ކުދިންނާއި ވާހަކަދައްކައިގެން އެކުދިން އިޖުތިމާއި މަސައްކަތައް ނެރުމުގެ ވިސްނުން އޭނާ ގެންގުޅުއްވާކަމަށެވެ.
އުމަރު ނަސީރު ވިދާޅުވިގޮތުގައި މިކަމުން ދޭހަވަނީ މި ސަރުކާރުން ގޭންގްތައް ކޮންޓްރޯލް ކުރާނެ ޕްލޭނެއްނެތި ފެއިލްވެފައިވާކަމެވެ.
އުމަރު ހޯމްމިނިސްޓަރުގެ މަޤާމުގައި ހުންނަވައި ވަނީ ރާއްޖޭގައި ގޭންގްތައް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށް ގޭންގްތަކާ މެދު ވަރަށް ހަރުކަށި ފިޔަވަޅު އަޅުއްވާފައެވެ. އޭގެތެރެއިން ގޭންގް ލީޑަރުންގެ ފައިގައި ޓެގް އެޅުވުމާއި ގޭންގްތަކަށް ނިސްބަތްވާ 18 އަހަރު ނުވާ ކުދިން ގިރިފުއްޓައް ގެންގޮސް ޚާއްސަ ވޯކްސޮޕްތަކެއް ހިންގާފައެވެ.
އުމަރު ގެ މިފިޔަވަޅުތަކަށް އޭރުގެ ސަރުކާރުން ފިއްތުންތައް ކުރިމަތި ކުރިނަމަވެސް އެކަންތައް ވަނީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފައެވެ. އުމަރު ނަޝީރު މަޤާމުން އިސްތިއުފާ ދިނުމާއެކު ގޭންގް ކޮންޓްރޯލް ކުރުމަށް އެޅުނު ހުރިހާ ފިޔަވަޅެއް ވަނީ އުވާލައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް