އިސްލާމްދީނަށް ނަސްރު ދިނުމަށްވުރެ އިސްކަންދޭނެ އެހެން ސިޔާސަތެއް ނޯންނާނެ: ރައީސް
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އިސްލާމްދީނަށް ނަސްރު ދިނުމަށްވުރެ އިސްކަންދޭނެ އެހެން ސިޔާސަތެއް މި ސަރުކާރަށް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހާފިޒުކަމުގެ ތާޖު އެރުވޭ ހަފްލާ އަކީ ވަކީން ބޭއްވޭ ގައުމީ ފެންވަރުގެ ބޮޑު ހަފްލާއަކަށް ހައްދަވަން ނިންމަވާ މިރޭ ބޭއްވި ފުރަތަމަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިސްލާމް ދީނަށް ނަސްރު ދިނުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފާފުޅު ކަމަށާ އިސްލާމްދީނަށް ނަސްރު ދިނުމަށްވުރެ އިސްކަންދޭނެ އެހެން ސިޔާސަތެއް މި ސަރުކާރަށް ނޯންނާނެ ކަމަށެވެ.

އެމަނިކުފާނު ވަނީ އިސްލާމީ ދިވެހި މި މުޖްތަމައުގެ ތެރޭގައި މީހުންގެ އަބުރަށް އަރައިގަތުން ފަދަ ދީނުގައި މަނާކުރައްވާފައިވާ ކަންކަން ހިނގަމުންދާކަން ފާހަގަކުރައްވާ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެކަން މުޖްތަމައުގައި ފެތުރިފައިވަނީ ވަރަށް ބޮޑަށްކަން ފާހަގަ ކުރައްވާ އެމަނިކުފާނު ވިދާޅުވީ އެ ނުރައްކާތެރި އާދަ ނައްތާލެވެން އޮތީ ކީރިތި ޤުރުއާނަށް އަމަލު ކުރާ ބަޔަކަސް ވެގެން ކަމަށެވެ.
ރައީސް ވަނީ ކޮންމެ އިންސާނަކީ ކަރާމާތްތެރިކަން ލިބިފައިވާ މީހެއްކަން ހަނދާންކޮށް ތިމާގެ ކަރާމަތަށް ރައްކާތެރިކަން އެދޭ ފަދައިން އެހެން މީހުންގެ ކަރާމަތަށް ރައްކާތެރިވުމަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
އަދި އަހްލާގު ރަނގަޅު ގުޅުންވަރުގަަދަ މުޖްތަމައެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އެމަނިކުފާނު ވަނީ ޤުރުއާނަށް އަމަލުކުރާ މުޖުތަމަައަކަށް ދިވެހި މުޖްތަމައު ހެދުމަށް ވެސް އިލްތިމާސް ކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް