އިންޑިޔާގެ އެއްބިލިޔަންޑޮލަރަކީ އެހީއެއްނޫން، ފައިސާދީފައި އަޅުވެތިކުރުން
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދިވެހި ރާއްޖެ އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ގެންދިއުމަށް އިންޑިޔާއިން ރާވާފައިވާ މަކަރުވެރި ރޭވުން އެންމެފަހުން ފާޅުކޮށްފިއެވެ. ޗައިނާއަށް ދިވެހި ޜާއްޖެ ދަރުވާލައިފިޔޭ ޗައިނާގެ ކޮލޮނީއަކަށް ދިވެހި ރާއްޖެ ހަދައިފިޔޭ ކިޔައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ލައްވައި ވާހަކަދައްކަމުންގޮސް ޗައިނާގެ ދަރަނި އަދާކޮށް އިންޑިޔާގެ އަސްކަރީ ބޭހެއް ރާއްޖޭގައި ގާއިމުކުރުމާއިބެހޭގޮތުން ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރުން ވާހަކަ ދައްކަން ފަށައިފިކަމަށް ބޭރުގެ ނޫސްތަކުން އެބަބުނެއެވެ.
އޭޝިޔަން ރިވިއުކިޔާ ނޫހެއްގައި އިންޑިޔާ ސަރުކާރުގެ ސޯސްތަކާ ހަވާލާދީ ބުނެފައިވަނީ ޗައިނާގެ ދަރަނި ދައްކައި ޚަލާސްކުރަން އިންޑިޔާއިން އޮތީ ލުއިގޮތަކަށް އަބުރާދައްކާގޮތަށް އެއްބިލިޔަން ޑޮލަރުގެ ފަންޑިން ފޯރުކޮށްދޭށެވެ. އެކަމަކު ޝަރުތަކީ ޗައިނާއާއި ދުރުވެ އިންޑިޔާގެ ދާއިމީ އަސްކަރީ ބޭހެއް ރާއްޖޭގައި އުފެއްދުމަށް ދިވެހި ސަރުކާރުން އެއްބަސްވުމެވެ. މިމަޝްވަރާތައް މިހާރު ދެގައުމުގެ ދެމެދުގައި ފެށިގެން ހިގަމުންދާކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހް އިންޑިޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެތެރޭގައި މިއެއްބަސްވުމުގައި ސޮއިކުރެވޭނެކަމަށް އިންޑިޔާއިން ބަލަމުންދާކަމަށްވެސް ބުނެއެވެ.
އިންޑިޔާގެ މިއިންޓެންޝަންއިން ދައްކައިދެނީ ދިވެހި ރާއްޖެއަށް ހެޔޮއެދުމެއް ނެތްކަމެވެ. އެއްބިލިޔަން ޑޮލަރުދެނީ އިންޑިޔާގެ އަސްކަރީ މަރުކަޒެއް ހެދުމަށާއި ޗައިނާގެ އެހީ ދިވެހި ރާއްޖެއަށް ވަނަނުދިނުންކަމަވެ. ޚުދު އިންޑިޔާއިން ޗައިނާގެ މަލްޓި ބިލިޔަން ޑޮލަރުގެ ބޮޑެތި އެހީ ހޯދައި ޔޫރަޕުން ޗައިނާގެ އެހީ ހޯދާއިރު ދިވެހި ރާއްޖެ ތަރައްގީވެ ކުރިއަރައި ދިޔަނުދިނުމެވެ. އިންޑިޔާގެ މައްޗަށް ބަރޯސާކޮށްފައި ބޭއްވުމެވެ. ބޭނުންވަނީ ދިވެހި ރާއްޖެ އަޅުވެތިކޮށްގެންވެސް މުޅި ސަރަހައްދަށް އިންޑިޔާގެ ވަކި ހިއްޕާލެވޭތޯ ބެލުމެވެ.
އިންޑިޔާގެ ޕްރޮޕެގެންޑާފެތުރުމުގައި ނަޝީދުގެ ރޯލް
ޗައިނާގެ ލޯން އަދާކުރުމަށް އެއްބިޔަން ޑޮލަރު ދޭން އިންޑިޔާއިން ޝައުގުވެރިކަން ފާޅުކުރުމުގެ މާނައަކީ ޗައިނާގެ ދަރަނި ރައީސް މުހައްމަދު ނަޝީދު ވިދާޅުވާވަރުގެ ބޮޑު އަދަދަކަށް ނުވުމެވެ. އިންޑިޔާގެ ނޫސްތަކުގައިޖަހަނީ ތިން ބިލިޔަން ޑޮލަރެވެ. 3 ބިލިޔަން ޑޮލަރުގެ ދަރަންޏޭ ނަޝީދު ވިދާޅުވަނީ ޗައިނާއާއިމެދު ދިވެހިންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެއްދުމުގެ ޖަޒުބާތެއް އުފެއްދުމެވެ.
އިންޑިޔާގެ އަސްކަރީ މަރުކަޒެއް ދިވެހި ރާއްޖޭގައި އުފައްދަން އިންޑިޔާއިން ބޭނުންވަނީ އައްޑޫގައިކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެއީ ރައީސް މުހައްމަދު ނަޝީދު އެފަދަ ޚިޔާލީ ފޮލާއެއް ކައްކަވައި އިންޑިޔާ ކަނޑުގައި ޗައިނާ އިންޑިޔާގެ ވާދަވެރިކަމުގައި ހަމަޖެހުން ގެނެސްދޭނީ އައްޑޫކަމަށް ވިދާޅުވެފައި އޮތުމުންނެވެ. ރައީސް މުހައްމަދު ނަޝީދުގެ ކޮންމެ ވާހަކަފުޅެއްގައި އިންޑިޔާގެ މަސްލަހަތު އިސްކުރައްވައި ވާހަކަފުޅު ދައްކަވައެވެ. ދިވެހި ދައުލަތުގެ މިނިވަންކަން އިންޑިޔާއަށް ބަރޯސާކުރަންޖެހޭފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައެވެ. އެމަނިކުފާނުގެ ނަޒަރުގައި އައްޑޫ ރައްޔިތުންނަކީ އެމަނިކުފާނުގެ މިހުވަފެން ހަގީގަތަކަށް ހަދައިދޭނެ މީހުންނެވެ. އިންޑިޔާގެ ޕްރޮޕެގެންޑާ މިސަރަހައްދުގައި ޚާއްސަކޮށް ދިވެހި ރާއްޖޭގައި ފެތުރުމުގެ މައިތަނބުކަމުގައި ރައީސް މުހައްމަދު ނަޝީދު ވެފައިވެއެވެ.
ކޮންމެއަކަސް އިންޑިޔާގެ އެމްބަސީން ރައީސް މުހައްމަދު ނަޝީދަށް ހިމާޔަތްދިން ދުވަހުންފެށިގެން ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އިންޑިޔާގެ ހައްގުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދާދިފަހަކާއިޖެހެންދެން ޖީއެމްއާރަށް އަލުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އެމްޑީޕީގެ ސަރުކާރެއްގައި ދޭނެކަމަށްވެސް ވިދާޅުވަމުންގޮސްފައިވެއެވެ. އިންޑިޔާގެ އަސްކަރީ ބޭހެއް ރާއްޖޭގައި އަޅަން އިންޑިޔާއިން ބޭނުންވުމުގެ ހަގީގީ ކުލައެއް ޖެހިދާނެކަމުގެ މަންޒަރުތައްވެސް ދިވެހި ސަރުކާރުގެ އަމަލުތަކުން އެބަފެނެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގެ މިގުނަމުންދާ ސަތޭކަ ދުވަހުގެތެރޭގައި ރައްޔިތުންނަށް ޚިދުމަތްކޮށްދިނުމަށްވުރެ އިންޑީޔާގެ ބޭނުންތަކަށް އަވަސްއަރުވައިލައިގެން އުޅޭ މަންޒަރުތައް ފެނެއެވެ. އެންމެ ބޮޑުކަމަކަށް މީޑިއާތަކުން ފެންނަނީ އިންޑިޔާގެ ހެލިކޮޕްޓަރުތަކަކާއި އަސްކަރީ ސިފައިންތަކެއް ރާއްޖޭގައި ބައިތިއްބަން ރައީސް މުހައްމަދު ނަޝީދު ހައްދަވާފައިވާ އެއްބަސްވުމަށް އިތުރުބާރެއް އަޅަން ސަރުކާރުން ކުރާ މަސައްކަތްތަކެވެ. ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް އިންޑިޔާއަށް ދަތުރުފުޅެއް ކުރައްވައިފިއެވެ. އިންޑިޔާއިން ދިވެހި ސިފައިން އިންޑީޔާއިން އަޚްލާގް ދަސްކޮށްދިނުމަށް އިންޑިޔާއަށް ފޮނުވަން އާޑިފެންސް މިނިސްޓަރ ވަނީ ނިންމަވާފައެވެ. އިންޑިޔާއާއެކު މުޅިން އާ ސަފްހާއެއް ފަށައިފިކަމަށް ވިދާޅުވެއެވެ.
މީޑިއާތައް ބުނާގޮތުގައި ޚާރިޖީވަޒިރު އަބްދުﷲ ޝާހިދު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިޔާގެ ޚާރިޖީ ވަޒީރާ ސުޝްމާ ސުވަރާޖްއާއި މަޝްވަރާކުރައްވައި ދެގައުމުގެ އިގްތިސާދީ ގުޅުމާއި އަސްކަރީ އަދި ސަލާމަތީ ކަންކަމާމެދު އެއްބަސްވުންތަކެއް ވެވަޑައިގެންފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް