މަޖިލީހަށް އަންހެން ކަނބަލުން ބޭނުންވަނީ މިހެންވެ!
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
އަންހެނުންނަށް ރާއްޖޭގެ ނިޒާމުގެތެރެއިން ކުރިމަތިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކަކީ އަބަދުމެ ދެކެވެމުން އަންނަ ވާހަކަތަކެކެވެ. ޚާއްސަކޮށް އަންހެނުންނާއި ގުޅުން ހުރި ދުވަސްތައް ފާހަގަކުރާ އިރު މިއީ އަޑު ގަދަ ވާހަކަތަކަކަށް މިވަނީ ވެފައެވެ.
ދިވެހިންގެ ކަންފަތައް މައްސަލަތައް ފަރިތަވާހާ މިންވަރަށް އަންހެނުންނަށް ދިމާވެފައިވާ މައްސަލަތަކާ މެދު މިވަނީ އަޑުއުފުލިފައެވެ. ނަމަވެސް މައްސަލަތަކަށް އެކަށީގެންވާވަރަށް ހައްލު މިވަނީ ނުލިބިފައެވެ.
މައްސަލަތަކަށް ޤައުމެއްގެ ނިސްބަތުން ހައްލު ގެނެސް ދިނުމުގެ އެންމެ އިސް ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. އެ މަޖިލީހުގައި އަންހެނުންގެ އިހުސާސްތައް ނޭނގޭ، ނުވަތަ އެކަމުގެ މުހިންމުކަން ނުދަންނަ ބަޔަކު ތިބުމަކީ އަންހެނުންނާއި ގުޅުންހުރި އެންމެ "އާދައިގެ" މައްސަލަތަކަށް ހައްލު ނުލިބިފައިވާ ސަބަބަށްވުމީ އެކަށީގެންވާ ކަމެކެވެ. ހަމަ އެގޮތަށް މިހާތަނަށް ސަރުކާރުތައް އިސްވެ އޮވެ އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގޮތުން ހުށާހަޅައި ފާސްކުރެވިފައިވާ މުހިންމު ޤާނޫނުތައްމަތިން ހަނދާންކޮށްލަންވެސް ޖެހެއެވެ.
އިސްވެސް ދިޔަ ވާހަކައަށް ބާރުލިބޭ ފަދަ މިސާލެއް އިއްޔެ ބޭއްވުނު މަޖިލިސް ޖަލްސާއިންވަނީ ފެނިގެން ގޮސްފައެވެ.
އިސްލާހު ހުށަހެޅި ބަހުސް ކުރެވެމުން ދިޔައީ ބަޔަކަށް ވަރަށް ކޫސަނި، އާދައިގެ ކަމަކަށް ވެދާނެއެވެ.
ޕެޑާއި ޓެމްޕަން ފަދަ މައްސަރުގެ ދުވަސްވަރު ބޭނުންކުރެވޭ ބާވަތްތަކުން ނެގޭ ހަ ޕަސެންޓްގެ ޖީއެސްޓީ އުނިކުރުމަށް، ހުށަހެޅުނު އިސްލާހަށް ގިނަ މެންބަރުން އަންހެން ކަނބަލުންގެ ދިފާއުގައި ވާހަކަފުޅު ދެއްކެވިތަން ވަރަށް ފޯރީގައި ފެނުނެވެ. ފަހަރުގައި މިއީ މިވަގުތު "ޕޮޕިއުލާ އައިޑިއާ" އެއް ކަމުން މެންބަރުން ދެއްވި ވޯޓަކަށް ވުންވެސް އެކަށީގެންވެއެވެ.

މިމައްސަލާގައި މެންބަރުން ދެއްކެވި ވާހަކަތަކުން މައްސަލައިގެ ހަޤީޤީގަތް ހުދު އެބޭފުޅުންނަށް އެނގޭތޯ މިއީވެސް ހިތުގައި އުފެދޭ ސުވާލެކެވެ.
އެގޮތުން އަންހެނުންނާއި ގުޅުން ބޮޑު މި މައްސަލަ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑޭ) ސިފަ ކުރެއްވީ ފިރިހެނުންނަށް ލިބޭނެ ލުޔެއްގޮތުގައެވެ.
"މިއީ އަންހެނުންނަށް ވަރަށް ރަނގަޅަށް ކޮށްދޭ ކަމެއްގެ ގޮތުގައި ވާހަކަދެއްކުމުގެ ބަދަލުގައި މިއީ އަންހެނުންނަށް އެހީތެރިވެދިނުމުގެ ގޮތުން މިއީ ފިރިހެނުންގެ އަތްމައްޗަށް ހަރަދުކުރުމަށް ދޭ ލުޔެއްގެ ގޮތުގައި ފާހަގަކުރުން މާ ރަނގަޅުކަމަށް ފެނޭ،" ވަހީދު ވިދާޅުވިއެވެ.
މިއީ މުޅި ޤައުމުގެ އެންމެންގެ މަސްލަހަތު ހިމާޔަތްކުރަން ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބަކު ދައްކަވާފައިވާ ވާހަކަފުޅެވެ.
މިއާއެކު އެތައްބައެއްގެ ފާޑުކިޔުން މެންބަރު ވަހީދައް ރައްދުކުރެވިގެން ދިޔައެވެ.
ރާއްޖެއަކީ ނިސްބަތުން އަންހެނުން ވަޒީފާ އަދާކުރާ ނިސްބަތް އިތުރު ގައުމަކަށް ވެފައި، މިއަދުގެ ހަޤީގަތަކީ މެންބަރު އެވިދާޅުވާ ގޮތައް އޮތްކަމެއް ނޫންކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަދި އަންހެނުންގެ ހައްގުގައި އަޑު އުފުލާ ކޮންމެ ފަހަރަކު ފިރިހެނުންނަށް މައްސަލައިގެ ސަމާލުކަން އަބަދުވެސް ބަޔަކު އަނބުރާލަން އުޅޭ އުޅުމަކީ މިއަދުވެސް ހިނގަމުން އަންނަކަމެއްކަމާއި މިއީ އެފަދަ ކަމެެއް ގޮތުގައި ގިނަ ބަޔަކު ދަނީ ފާހަގަކުރައްވަމުންނެވެ.

ދެންފެނިގެން ދިޔައީ ރާއްޖޭގެ މަޝްހޫރޫ ދީނީ އިލްމުވެރިއެއްގެ ޓުވީޓެކެވެ. ސެއިހް އަލީ ޒައިދް ވަނީ އެތައްދުވަހެއް ވަންދެން ލޮބީކޮށް ސޯޝަލް މީޑިއާގައި އަޑު އުފުލައި، އެންމެ ފަހުން މަޖިލީހަށް ވެއްދި ޕެޑުން ޓެކްސް ނަގާ އިސްލާހަކީ މިވަގުތު ޤައުމަށް އޮތް އެންމެ ބޮޑު މައްސަލަ ތޯ ސުވާލު އުފައްދާފައެވެ.
އެތައްދުވަހެއް ވަންދެން ކޮށްފައިވާ މަސައްކަތެއް މި ދަނޑިވަޅައް އެޖެންޑާ ކުރެވިފައިވަނީ އެއީ ޤައުމުގެ އެންމެ މުހިންމު ބޮޑު މައްސަލައެއް ކަމަށް ދެކިގެނެއް ނޫނެވެ. މިއީ ތަރުތީބަކުން ގޮސް ނިންމަންހުންނަ ކަމެއްކަން ނޭނގި ނުވަތަ އެކަމަށް ރިޔާއަތް ނުކޮށް ދީނީ އިލްމުވެރި އަކު މިފަދައިން ހިޔާލު ފާޅުކުރުމަކީ ވެސް ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެކެވެ.
މިއީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އަންހެން ކަނބަލުންގެ ހިއްސާ އިތުރު ކުރަން ޖެހޭ އެންމެ ބޮޑު އެއް ސަބަބެވެ. ޤާނޫނީ ގޮތުން އަންހެނުންނަށް ރައްކާތެރިކަން އަވަހަށް، ހޯދައި ދިނުމާއި މައްސަަލަތަކަށް ޤައުމާއި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށް މިއީ މުހިންމު ކަމެކެވެ.
އެކަނިވެރި މައިންނާއި، ގެވެށި އަނިޔާއާއި، ޖިންސީ ފުރައްސާރައާއި، ވަޒީފާގެ ދާއިރާތަކުން އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް "ފުރިހަމަ" ހައްލެއް ބޭނުންވެއެވެ. މިކަން ފުރިހަމަ ކުރުމަށް އަންހެނުން މިކަންކަމުގައި ބަސް ބުނުމަށް އެންމެ ކުރީ ސަފަށް ނިކުންނަން ޖެހެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް