ފަލަސްތީން އިޒްރާއިލް ލޭއޮހޮރުވުން ހުއްޓުވޭނީ މަޝްވަރާކުރުމަށް ފުރުސަތު ދީގެން - ރައީސުލްޖްހޫރީޔާ
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ފަލަސްތީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްތީނުގެ އަމަންއަމާންކަމާއި، އިންސާފުގާއިމުކުރުމުގައާއި ސަލާމަތާއި ރައްކާތެރިކަން ހޯދަދިނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއިއެކު ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ރާއްޖެއިން ތާއީދުކޮށް ބަލައިގަންނަ ކަމެއްކަން ފާހަގަކުރައްވައި އެފަދަ ޤާނޫނު ތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ކޮންމެ ޤައުމަކުންވެސް ކުރަން ޖެހޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރާއި އެއްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނަކީވެސް މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އިޒްރޭލުގެ ސަރަހައްދީ ރޮނގާއި ޖެހިގެން ދެޤައުމުގެ ގޮތުގައި އޮންނަ އޮތުމަށް އަލުން ރުޖޫޢަ ވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ.
އިޒްރޭލާއި ފަލަސްތީނުގައި، އަބަދަށް ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަމަސަލަސްކަން ޤާއިމުކޮށް، ހަނގުރާމައާއި ލޭއޮހޮރުވުންތައް ހުއްޓުވޭނީ، ދެ ދައުލަތް މަޝްވަރާކުރުމަށް ފުރުސަތުދީގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފާހަގަކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ފަލަސްތީނުގެ އުޚުއްވަތްތެރި ރައްޔިތުންގެ ޙައްޤުގައި ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދެއްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް