ސްކޫލްކުދިން ވެރިނަނަށް މަރުހަބާ ކިޔުމަށް ނެރޭ އުސޫލް ބަދަލުކުރުމަށް އަންގައިފި
ލިޔުންތެރިޔާ
ޝަފްރާޒް އަހްމަދު
ދައުލަތުގެ އިސް ބޭފުޅުން ރަށްރަށަށް ވަޑައިގަންނަވާހިނދު، އެ ކުދިންތައް އެބޭފުޅުންނަށް މަރުހަބާކިޔުމުގެ ހަރަކާތްތަކަށް މިހާރު އިންތިޒާމް ކުރާ އުސޫލްތައް ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއި ކުރައްވައި، ނެރުއްވި ސާކިއުލާއެއްގައިވަނީ ސަރުކާރުގެ އިސްވެރިން ރަށްރަށަށް ކުރައްވާ ދަތުރުތަކުގައި މަރުހަބާ ދެންނެވުމަށް ދަރިވަރުން ގިނަ ވަގުތު ކޮޅަށް ބޭތިއްބުމާއި އަވީގައި ބޭތިއްބުމަކީ ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ގިނަ ވަގުތުތަކެއް ގެއްލިގެންދާ ކަމަށް ވެސް އެ ސާކިއުލާގައިވަނީ ބަޔާންކޮށްފައެވެ.
އެގޮތަށް އަމަލުކުރުމަކީ ކޮންމެހެން ބޭނުންތެރިކަމަކަށް ނުވާތީވެ، އެކަން ނުކުރުމަށް ސާކިއުލާގައި ވަނީ އަންގާފައެވެ.
މަރުޙާބާ ކިޔުމުގައި ސްކޫލްދަރިވަރުން ބައިވެރިކުރުމާއި ބެހޭގޮތުން މިނިސްޓްރީން ނެރުއްވި ސާކިއުލަރ. @aisthly pic.twitter.com/qJWNi5UwdQ
— Ministry of Education (@EducationMV) December 3, 2018
ރާއްޖޭގައި އިސްވެރިންނަށް މަރުހަބާ ދެންނެވުމަށް އިންތިޒާމް ކުރަމުން ދާގޮތުން މިހާރުވެސް މިފަދަ ބޮޑެތި ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިން އަވީގައި ގިނަ އިރުތަކެއް ތިބެންޖެހެއެވެ. ނަމަވެސް މިއީ މިކަންކަން އިންތިޒާމްކުރާ ފަރާތްތަކުން ރަނގަޅަށް ރާވައިގެން ކުދިންނާއި ބެލެނިވެރިންނަށް ދަތި ނުވާނެ ގޮތަކަށް ކުރެވޭނެކަމެއްކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ރަށްރަށަށް ސަރުކާރުގެ އިސްވެރިން ވަޑައިގަންނަވާހިނދު، އެފަރާތްތަކަށް މަރުހަބާ ކިޔަން ސްކޫލް ދަރިވަރުން ނެރުމަކީ ވަރަށް ކުރިންސުރެ ކުރަމުންދިޔަ ކަމެކެވެ. ފަހަކަށް އައިސް އެކަމަށްވަނީ ބޮޑެތި ފާޑުކިޔުންތަކެއް މެދުވެރިވެފައެވެ.
މިކަމަށް އެންމެ ބޮޑަށް ފާޑުކިޔާފައިވަނީ ރައީސް ޔާމީން އަދި މެޑަމް ފާތިމަތް އިބްރާހިމްއަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ސްކޫލް ކުދިން ނެރުމުން މިހާރު ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅުންނެވެ. ނަމަވެސް ރައީސް ސޯލިހް ކ. ދިއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި މިކަމަށް ބަދަލު ނައިސް ތަކުރާރުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އެކަމަށް ވަނީ އަމާޒުވެފައެވެ. އަދި ސޯޝަލް މީޑިއާގައި ވަނީ ސްކޫލުން ދަރިވަރުންނަށް ފޮނުވާފައިވާ ނޯޓިސްއެއް ހިއްސާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް