މީޑިޔާތަކަށް ހަމަހަމަ ފުރުސަތުދީ، މަސައްކަތަށް ހުރަސް ނާޅަން އެދިއްޖެ

28 Jul 2020 | 14:44

މީޑިޔާތަކުގެ މަސައްކަތްތަކަށް ހުރަސް ނާޅައި، ހުރިހާ މީޑިޔާތަކަށްވެސް ހަމަހަމަ ފުރުސަތުތައް ދިނުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން އެދިއްޖެއެވެ.

އެ ކައުންސިލުން މިފަދައިން އެދިފައިވަނީ އިއްޔެ ނެރުނު ނޫސް ބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ބުނީ ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާ، މުޒާހަރާތަކާއި އަދި އެނޫންވެސް ބައެއް ހަރަކާތްތައް ކަވަރކުރުމުގައި ނޫސްވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެގޮތުން ބ.ބޮޑުފިނޮޅުގައި ހިނގި ހަމަނުޖެހުންތައް ކަވަރކުރަން ފުލުހުން މީޑިޔާތަކަށް ހަމަހަމަ އުސޫލެއް ދީފައި ނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މިމަހުގެ 26ވަނަ ދުވަހު އިދިކޮޅުން ބޭއްވި މުޒާހަރާ ކަވަރކުރުމުގައިވެސް ނޫސްވެރިންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް ވަނީ ބުނެފައެވެ. އެމްއެމްސީން ވަނީ ސުލްހަވެރިކަމާއި އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުންވެސް މީޑިޔާގެ މަސައްކަތަށް ހުރަސް ނޭޅޭނެކަމަށް ބުނެފައެވެ.

އެހެންކަމުން ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް މީޑިޔާތަކަށް ހަމަހަމަ ފުރުސަތުދޭން މި ބަޔާނުގައި ވަނީ ގޮވާލާފައެވެ. އަދި މީޑިޔާއާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމް ކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެމްއެމްސީން އިތުރަށް ވަނީ މުޒާހަރާތައް ކަވަރުކުރުމަށް ނުކުންނަ ނޫސްވެރިންވެސް ބްރޯޑްކޮމްގެ ފާސް ހިފައިގެން ހަރަކާތްތެރިވުމަށް އެދިފައެވެ.

Advertisement

ކޮމެންޓް