ހިޔާ މަޝްރޫއުގެ އިތުރު ދެ ކެޓަގަރީއެއްގެ ވަގުތީ ލިސްޓް މިއަދު ނެރެނީ!

21 Sep 2020 | 01:20

ކުރީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ފަށާފައިވާ "ހިޔާ" މަޝްރޫޢުގެ ދެ ކެޓަގަރީއެއްގެ ވަގުތީ ލިސްޓް މިއަދު ގެޒެޓްކުރުމަށް ނިންމައިފިއެވެ.

"ވޮއިސް" އިން ކުރި ސުވާލަކަށް ރައީސް އޮފީހުގެ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި މިއަދު ހިޔާ ފްލެޓްގެ ދެ ކެޓަގަރީއެއްގެ ވަގުތީ ލިސްޓް ނެރޭނެއެވެ.

މި ނޫހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއިން މިއަދު ނެރުމަށް ހަމަޖެހިފައިވަނީ "ހިޔާ" މަޝްރޫޢުގެ އެކަނިވެރި މައިންގެ ކެޓަގަރީ H6 އަދި ދަފްތަރު ކެޓަގަރީ H9 އެވެ.

މިހާތަނަށް ވަނީ ހަތަރު ކެޓަގަރީއެއްގެ ވަގުތީ ލިސްޓް ނެރެފައެވެ. އަދި އެ ލިސްޓްއަށް 3000 އަށްވުރެ ގިނަ ޝަކުވާ ލިބިފައިވާކަމަށް ފްލެޓް ކޮމިޓީން ހާމަކުރައްވާފައިވެއެވެ.

މިހާތަނަށް މި ސަރުކާރުން މުރާޖާކުރުމަށްފަހު ނެރެފައިވާ ލިސްޓްތަކަކަކީ:

H4 (ޑޮކްޓަރުންނާއި ނަރުހުންނަށް ޚާއްސަ)

H5 (ޓީޗަރުންނަށް ޚާއްސަ)

H8 (މާލޭ ރަށްވެހިންނަށް ޚާއްސަ)

H10 (ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އާއިލާތަކަށް ޚާއްސަ)

މިހާތަނަށް ޢިއުލާން ކުރެވިފައިވާ ވަގުތީ ލިސްޓްތަކުގެ ހުރި މައްސަލަތައް ވަނީ ހިޔާ ފްލެޓްގެ މައުލޫމާތު ގެނެސްދެމުން ގެންދާ ކޮތަރުކޮށި ނަމަކަށް ކިޔާ ވައިބާ، ފޭސްބުކް މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެގޮތުން މި ފަހަރުގެ ލިސްޓުގައި މި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އާއިލާތަކަށް ގިނަ އަދަދެއްގެ ފްލެޓް ލިބިފައިވުމާއި، ކުރިން ފްލެޓް ލިބިފައިވާ ހާލުގައި އުޅޭ ފަރާތްތަކައް ފްލެޓް މިފަހަރު ނުލިބިފައިވާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.

Advertisement

ކޮމެންޓް