މީހަކު ޒަކާތް ދައްކަނީ- ފޮޓޯ/ މޯލްޑިވްސް ޒަކާތު ހައުސް
ދީން
26 Apr 2024 | 12:46
ޒަކާތަކީ އޭގެ ހައްގުވެރިންނަށް އަދާކުރަންޖެހޭ ހައްގެއް؛ އެއީ މުދާވެރިން ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫން: ޚުތުބާ

ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫން ކަމަށާ އެހެނެއް ކަމަކު އެއީ، މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ޙައްޤެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ. 

ފަރުޟު ޒަކާތާއި އިގްތިޞާދާއި ހުރި ގުޅުން މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނެފައިވާ ގޮތުން އިސްލާމްދީނުގައި މުދާ ހޯދުމާއި، މުދާ މިލްކުކުރުމާއި، މުދާ ހޭދަކުރުމަށް ވަރަށް ފުރިހަމަ ފަލްސަފާއެއް ކަނޑައަޅުއްވާފައިވެއެވެ. 

އެއީ، ވަޟްޢީ ނަޒަރިއްޔާތަކާ މުޅިން ޚިލާފު ނަޒަރިއްޔާއެއް ކަމަށް މި ނަޒަރިއްޔާގައި، މުދަލުގެ ޙަޤީޤީ މިލްކުވެރި ފަރާތަކީ الله سُبْحَانَهُ وَتَعَالَى ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އިންސާނާއަކީ އެ މުދަލާ ޙަވާލުވެގެން ހުރި މީހާ ކަމަށްވާއިރު، މުދާހޭދަކުރަންވާނީ އެ މުދާ ދެއްވި ފަރާތް ކަމުގައިވާ الله سُبْحَانَهُ وَتَعَالَىއެދިވޮޑިގަންނަވާ ގޮތަށް ކަމަށް ހުތުބާ ގައި ބުނެފައިވެއެވެ. 

އެކަލާނގެ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައި ވެއެވެ: "އަދި އެތަކެއްޗާމެދު، އެކަލާނގެ ތިޔަބައިމީހުން خَلِيْفَةވެރިންކަމުގައި ލެއްވި ތަކެތިން ތިޔަބައިމީހުން ހޭދަކުރާށެވެ!" އެހެނީ އިންސާނާއަކީ މުދަލުގެވެރި ފަރާތުގެ ޚަލީފާއެކެވެ. އެހެން އާޔަތެއްގައި މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ: "އަދި ތިޔަބައިމީހުންނަށް ދެއްވާފައިވާ الله ގެ މުދަލުން، ތިޔަބައިމީހުން އެއުރެންނަށް ދޭށެވެ!" 

ޚުތުބާ

މިއާއެކު އިލްމުވެރިންގެ ރައުޔަށް އަލިއަޅުވާލަމުން ޚުތުބާގައި ބުނީ މުދަލުގެ ޙައްޤަކީ އެ މުދަލުން ޒަކާތް ދިނުން ކަމަށެވެ. އަދި ތިމާގެ އަތުގައި ރައްކާކޮށް ޚަޒާނާކޮށްފައި ބަހައްޓާ މުދަލުގައި، އެ މުދަލުން ޒަކާތް ނެރެންޖެހޭ ޝަރުޠުތައް ހަމަވާނަމަ، އެއިން ޒަކާތް ދައްކަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.  އެޝަރުޠުތަކަކީ؛

* މުދާ ފުރިހަމައަށް މިލްކުވުމާއި،* މުދަލުގައި ނިޞާބު ހަމަވުމާއި، * ނިޞާބު ހަމަވިތާ ހަނދުމަހުން އެއް އަހަރު ފުރުމެވެ. 

ޚުތުބާގައި ބުނީ، އިސްލާމްދީނުގައި ޒަކާތް ފަރުޟުކުރެއްވީ، ހަމައެކަނި ފަޤީރު މީހާގެ ޙާޖަތްތަކަށް ވަގުތީ ޙައްލެއް ހޯދައިދިނުމަށްފަހު އޭނާ މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމުގެ މަޤްޞަދުގައެއް ނޫން ކަމަށާ އެހެނެއް ކަމަކު ޒަކާތުގެ ނިޒާމަކީ މުޅި މުޖުތަމަޢުން ފަޤީރުކަން ނައްތައިލުން ކަށަވަރުކޮށްދޭ ނިޒާމެއް ކަމަށެވެ.

ފަޤީރުންނާއި މިސްކީނުންގެ ނިކަމެތި ޙާލަތުން އަރައިގަނެ އެބައިމީހުންނަކީ ފުދުންތެރި ބަޔަކަށް ހަދައިދީގެންނެވެ. ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޒަކާތުގެ މަޤްޞަދަކީ އޭގެ ޙައްޤުވެރިންނަށް ދާއިމީ ފުދުންތެރިކަމެއް ހޯދައިދިނުމެވެ. ޒަކާތުގެ ޢާމިލުންނަށް عُمَرُ بْنُ الْخَطَّابِ رَضِيَ ﷲ عَنْهُ ވިދާޅުވާކަމުގައިވެއެވެ. "ފަހެ ތިޔަބައިމީހުން ޒަކާތް ދޭ ހިނދު، އެއުރެން މުއްސަނދިކުރާށެވެ!"އެބަހީ: އެބައިމީހުން ސަލާންޖަހައި ނޫޅޭނެހެން ފުދުންތެރިބަޔަކަށް ހަދާށެވެ!

ޚުތުބާ

ޚުތުބާގައި އިތުރަށް ބުނީ، ޒަކާތުގެ ޝަރްޢީ މަޤްޞަދުތައް ޙާޞިލުކުރެވޭނީ ތަނަވަސްކަމުގެ އަހުލުވެރިން، އެބައިމީހުންގެ މައްޗަށް މާތް الله ފަރުޟު ކުރައްވާފައިވާ މުދަލު ޒަކާތް އަދާކޮށްގެން ކަމަށެވެ.

މުސްލިމް އިންސާނަކު، އޭނާ މާދަމާ ކާނީ ކޮން އެއްޗެއްތޯއާއި، ނުވަތަ އޮނުއޮރިޔާން ނިވައިކުރާނީ ކިހިނެއްތޯއާއި، ބޭސްފަރުވާކުރާނީ ކިހިނެއް ކަމާމެދު ވިސްނައި ފިކުރުކޮށް ގޮތްހުސްވެ، އޭނާގެ ހިތަށް ކުރާ އަސަރާއި، އަޅާވޭނުން އޭނާ ސަލާމަތްކޮށްދިނުމަކީ ކޮންފަދަ މަތިވެރިކަމެއް ހެއްޔެވެ! މި އުންމަތަކީ އެއް އުންމަތެކެވެ. އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚެކެވެ. އިސްލާމީ ރިވެތި އުސޫލަކީ ތިމާއަށް މިއަދު ތަނަވަސްކަމެއް ލިބިފައިވާނަމަ، އެ ތަނަވަސްކަމުން މިންވަރެއް ހޭދަކޮށްގެން ތިމާގެ މުސްލިމް އަޚާއަށް އެހީތެރިވުމެވެ. ފަހެ، ތިޔަބައިމީހުން މާތް الله އަށް ބިރުވެތިވެ، އެކަލާނގެ ދެއްވި މުދަލުން ހޭދަކުރާށެވެ! 

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ޒަކާތަކީ މުދާވެރިއަކު ފޯރުކޮށްދޭ ފަރުދީ އިޙްސާންތެރިކަމެއް ނޫން ކަމަށެވެ. އެހެނެއް ކަމަކު އެއީ، މުއްސަނދިންގެ މުދަލުން ނަގައި، އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ ޙައްޤެއް ކަމަށެވެ.

މާތް الله ވަޙީކުރައްވާފައިވެއެވެ.

މާނައީ: "އޭގެ ސަބަބުން ކަލޭގެފާނު އެއުރެން طاهر ކުރައްވާނޭ، އަދި އެއުރެންނަށް ހެޔޮކަން އިތުރުކޮށްދެއްވާނޭ صَدَقَات އެއް، އެއުރެންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!" 

ފުރަތަމަ ޚަލީފާ أَبُو بَكْرِ نِالصِّدِّيْقُ رَضِيَ ﷲ عَنْهُ ޒަކާތްދެއްކުމަށް އިންކާރުކުރި މީހުންނާދެކޮޅަށް ހަނގުރާމަ އިޢުލާނުކުރައްވާފައިވަނީ މި މަތިވެރި ވާޖިބު އަދާކުރެއްވުމުގެ ގޮތުން ކަމަށްވެސް ޚުތުބާގައި ބުންޏެވެ. 

މީގެ އިތުރުން ޚުތުބާގައި ބުނީ، މުދަލު ޒަކާތް ދިނުމަކީ ދީނުގެ މަތިވެރި ރުކުނަކަށް ވީ ނަމަވެސް، އެއާމެދު ވަރަށް ގިނަ މީހުންގެ ހޭލުންތެރިކަން ކުޑަ ކަމަށެވެ. އެގޮތުން ބައެއް މީހުން ހީކުރާ ގޮތުގައި ރަމަޟާންމަހު ފިޠުރުޒަކާތް ދެއްކުމުން ފުދުނީ ކަމަށާ، އަނެއް ބަޔަކު ދެކޭގޮތުގައި ތިމާއަކީ ބޮޑު ވިޔަފާރިވެރިއަކަށް ނުވާތީ، ތިމާ ޒަކާތް ދައްކާކަށް ނުޖެހޭނެ ކަމަށެވެ. ހަމައެހެންމެ، މުދަލުޒަކާތް، ދައުލަތަށް ދެއްކުމަށް ދެކޮޅުހަދާ ބަޔަކު ވެސް އުޅޭ ކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ. އެހެން ނަމަވެސް ޢިލްމުވެރިން ވިދާޅުވާގޮތުގައި، ދައުލަތުން ޒަކާތް ނެގުމަށް ހަމަޖައްސަވާފައިވާ ރަސްމީ އިދާރާއަށް ޒަކާތް ދެއްކުމުން ޒަކާތް ދައްކާ މީހާގެ ޒިއްމާއިން ބަރީޢަވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

 ތާބިޢީ ބޭކަލެއް ކަމުގައިވާ އިބްރާހީމުއްނަޚަޢީ ވިދާޅުވެފައިވެއެވެ. "ވެރިމީހާ ޒަކާތް ނަގައިފިނަމަ، ފަހެ، ތިބާގެ ކިބައިން އެކަމުގެ ޒިއްމާ ކެނޑިގެން ހިނގައްޖެއެވެ." ފިޤްހުވެރިން ވިދާޅުވާ ގޮތުގައި އޭގެ ސަބަބަކީ، "ޒަކާތުގެ ޙައްޤުވެރިން ކަނޑައެޅުމުގެ ޝަރުޢީ އުސޫލުތަކާއި، އެއުރެންގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނީ ދައުލަތަށް ނުވަތަ ދައުލަތުން ކަނޑައަޅާފައިވާ އިދާރާއަށް ކަމުގައިވުމެވެ."

ޚުތުބާ

މިއާއެކު ޒަކާތްނެގުމާއި ބެހުމުގެ ހަރުދަނާ ނިޒާމެއް ދައުލަތުން ހަމަޖައްސަވާފައިވާކަން ފާހަގަކޮށް ޚުތުބާގައި ވަނީ ޒަކާތް ދެއްކުމުގެ ޝަރުޠުތައް ފުރިހަމަވާ އެންމެހައި ފަރާތްތަކަށް ޒަކާތް ދެއްކުމަށް ގޮވާލާފައެވެ. އަދި ޒަކާތާބެހޭ ޝަރުޢީ އަދި އިދާރީކަންކަން އޮޅުން ފިލުވައި ނަފުސު ހޭލުންތެރިކުރުވުމަށް ވެސް ވަނީ ގޮވާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ