ޗައިނާއިން ތަރައްގީކުރަމުންދާ ކޮވިޑް ވެކްސިންތައް ފަސޭހަކަމާއެކު ލިބޭނެކަމަށް އުންމީދުކުރަން: ޝާހިދު

23 Sep 2020 | 23:02

ޗައިނާ ސަރުކާރުގެ ފަރާތުންނާއި އެގައުމުގެ ފާމަަސޫޓިކަލް ކުންފުނިތަކުން ތަރައްގީކުރަމުންދާ ކޮވިޑް ވެކްސިންތައް ދިވެހިރާއްޖެފަދަ ގައުމުތަކަށް ފަސޭހަކަމާ އެކު ލިބޭނެކަމަށް އުންމީދުކުރައްވާކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިފަދައިން ވިދާޅުވީ ޗައިނާގެ 71ވަނަ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ ބޮޑު އާލަމީ ވަބާއަކާއި ހަނގުރާމަކުރަމުން އިގްތިސާދީ އަނދަވަޅަކުން އަރައިގަތުމަށް މަސައްކަތްކުރަމުންދާއިރު، މިފަދައިން ހުރިހާ ގައުމުތަކަށް ކުރިމަތިވެފައިވާ ކަންތައްތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއްކަން ހަނދާންކޮށްލަންޖެހޭ ކަމަށެވެ. އަދި ޗައިނާއިން އާންމު ސިއްހަތުގެ ދާއިރާގައި މިސާލުނެގޭފަދަ ލީޑަރޝިޕެއް ދައްކަމުން ގެންދާކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ވޯލްޑް ހެލްތު އޯގަނައިޒޭޝަނަށް އެގައުމުން ދެމުން ގެންދާ އެއްބާރުލުން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެބޭފުޅާގެ ވާހަކަފުޅުގައި ވަނީ ކޮވިޑް-19 އާއި ދެކޮޅަށް ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އެގައުމުގެ ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތައުރީފްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއަށް އެގައުމުގެ ރައްޔިތުންނާއި ކުންފުނިތަކުން ފާއިތުވެދިޔަ މަސްތަކުގައި ފޯރުކޮށްދީފައިވާ އެހީތަކަށް ޝާހިދު ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން ފޮރިން މިނިސްޓަރ ޝާހިދު ވަނީ ކޮވިޑް-19 ބައްޔަށް ވެކްސިނެއް ހޯދުމުގައި ޗައިނާގެ ސަރުކާރާއި އެކިއެކި ފާމަސޫޓިކަލް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުން ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެ ފަދަ ބަލިމަޑުކަމުގެ ސަބަބުން އިގްތިސާދީ ދަތިކަން ކުރިމަތިވެފައިވާ ރިސޯސް މަދު ގައުމުތަކަށް ފަސޭހަކަމާއި އަދި އަގުހެޔޮކޮށް ވެކްސިން ފޯރުކޮށްދޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.

Advertisement

ކޮމެންޓް