7 ގޯލް ޖަހާ ލިވަޕޫލް ފެންވަރު ދައްކާލައިފި

25 Sep 2020 | 02:49

ކަރަބާއޯ ކަޕްގައި ލިންކޮން ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗް 7-2 ކުން ކާމިޔާބުކޮށް ލިވަޕޫލް އެޓީމުގެ ފެންވަރު ދައްކާލައިފިއެވެ. މި މެޗަށް ލިވަޕޫލް ނުކުތީ އެޓީމުގެ ފުރަތަމަ އޭގާރައިގަ ހިމެނޭ ގިނަ ކުޅުންތެރިން މެޗް ސްކޮޑުގައި ނުހިމަނާކަން ފާހަގަކޮށްލެވުނެވެ.

ރަށުން ބޭރުގައި ލިވަޕޫލް ކުޅުނު މެޗުގެ ފުރަތަމަ ގޯލް އެޓީމަށް ޖަހަައިދިނީ ލިބުނު ހިލޭ ޖެހުމަކުން ޝަގީރީއެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި ލިވަޕޫލްއައި ގުޅުނު މިނަމީނޯ އަދި ޒުވާން ތަރި ކަރޓިސް ޖޯންސް، ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލް ޖަހާފައެވެ.

ލިވަޕޫލްގެ ލީޑް ފަހަރަކަށް ފަހަރެއް ފުޅާ ކުރަމުން ގެންދިޔަ މި މެޗުގައި އެޓީމަށް ދެން ގޯލުތައް ޖަހައިދިނީ ގްރޫޖިކް އަދި އޮރިގީއެވެ. ވުލްވްސް ދޫކޮށް ލިވަޕޫލް އާއި މިސީޒަނުގައި ގުޅުނު ޖޯޓާވެސް މިމެޗުގައި ފެނިގެން ގޮސްފައިވެއެވެ.

ލީގް ވަން އަށް ނިސްބަތްވާ ލިންކޮންގެ ދެ ގޯލްވެސް ފެނިފައިވަނީ ވަރަށް ކައިރި ކައިރީގައެވެ. 60 ވަނަ މިނެޓުގައި މެކްގްރެންޑެލްސް ލިންކޮންގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދިންއިރު އޭގެ ހަ މިނެޓު ފަހުން އެޓީމުގެ ދަވަނަ ގޯލު ޖަހައިދިނީ ގްރާންޓެވެ.

މެޗުގެ ނަތީޖާއިން ފާހަގަވާ ފަދައިން ލިވަޕޫލް ވަނީ މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ އުފެއްދި ހަމަލާތަކުގެ ތެރެއިން ގިނަ ހަމަލާތަކުން ގޯލު ޖަހާ މޮޅު ކުޅުމެއް ދައްކާފައެވެ.

މި ނަތީޖާއަށްފަހު ގިނަ ފުޓްބޯލް ޕަންޑިތުން އަންނަނީ ލިވަޕޫލްއަށް މިސީޒަނުގެ ހުރިހާ މުބާރާތެއްގައި ވާދަކުރެވޭވަރުގެ ސްކޮޑެއް ލިބިފަ އޮތްކަން ފާހަގަކުރަމުންނެވެ.

ކަރަބާއޯ ކަޕްގައި ރޭ މެންޗެސްޓާ ސިޓީ ކުޅުނު މެޗް އެޓީމް ކާމިޔާބު ކުރީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ. ބޯންމައުތް ބަލިކުރި މެޗުގައި ސިޓީގެ ގޯލުތައް ޖަހައިދިނީ ލިއަމް ޑެލަޕް އަދި އުންމީދީ ޒުވާން އިނގިރޭސި ތަރި ޕިލް ފޯޑަންއެވެ.

މި މުބާރާތުގެ ކުރިއަށް އޮތް މެޗުގައި ލިވަޕޫލް ނުކުންނާނީ ވާދަވެރި އާސެނަލް އާއި ދެކޮޅަށެވެ. 

Advertisement

ކޮމެންޓް