ހިޔާނާތުގެ ފައިސާ މަހުޖަނު ޤާސިމްގެ ޖުމްހޫރީ ޕާޓީއަށްވެސް!

01 Oct 2020 | 11:14

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ގެ ބޮޑު ހިޔާނާތަށް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަދި ނައިބް ރައީސްކަންވެސް ކުރައްވާފައިވާ އަހްމަދު އަދީބް މިއަދުގެ ކޯޓު އަޑުއެހުމުގައި ވަނީ އިއުތިރާފްވެފައެވެ. މި އިއުތިރާފާއެކު ގިނަ ވާހަކަތަކެއް ވަނީ އޭނާ ސާފުކޮށްދީފައެވެ.

މީގެ ތެރެއިން ވެސް ފާހަގަކޮށްލެވިފައިވަނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކަށް ހިޔާނާތުގެ ފައިސާ އަދީބް ބައްސަވާފައިވާކަމަށް ވެފައިވާ އިއުތިރާފެވެ.

އެހެންކަމުން ރާއްޖޭގެ މަހުޖަނު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއަށްވެސް ހިޔާނާތުގެ ފައިސާ ލިބިފައިވާކަމަށް އަދީބްގެ އިއުތިރާފުން ހާމަވެއެވެ.

ހިޔާނާތުގެ ފައިސާއިން މަންފާ ނުލިބޭ ސިޔާސީ ޕާޓީއެއް ނެތް ކަމަށް އަދީބު މިއަދުގެ ކޯޓު އަޑުއެހުމުގައި އޭނާ ވަނީ ކިޔައިދީފައެވެ.

އަދީބް ވިދާޅުވީ މި މައްސަލައަކީ ވަރަށް ގިނަ ބައެއް ޝާމިލްވާ މައްސަލައެއްކަމަށާއި މިކަމުން ވަރަށް ގިނަ ބަޔަކަށް މަންފާވެފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިން މަންފާ ނުވާ ސިޔާސީ ޕާޓީއެއް ނެތްކަމަށްވެސް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ. އަދި މަޖިލީހުގައު ނެގުނު ވޯޓުތަކުގައިވެސް މި ފައިސާ ވަނީ ބޭނުންކޮށްފައިވާނެކަމަށް އަދީބު ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީ އިން މިހާތަނަށްވެސް މިކަން ދޮގުކޮށްފައިނުވެއެވެ.

އަދީބް ވަނީ އޭނާ ފައިސާ ބަހާފައިވާ މަޖިލިސް މެންބަރުންނާއި ސިޔާސީ ޕާޓީތަކުން ރުހުންދީ މި ސަރުކާރުން އެކުލަވާލާފައިވާ ކޮމިޝަންތަކަށް ފައިސާ ހޯދޭނެކަމަށް ވިދާޅުވެފައެވެ.

ދެން އޮންނަ އަޑުއެހުމެއްގައި އޮތީ އަވަސް ނިއާއެއް ކަނޑައެޅުމެވެ. ދެން އަންނަ އަޑުހުމެއް ބޭއްވުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޯމަ ދުވަހަށެވެ.

Advertisement

ކޮމެންޓް