ނޭމާ އަދި އެމްބައްޕޭއަށް ލިވަޕޫލައި ދެކޮޅަށް ކުޅެވޭނެކަމުގެ އުންމީދު އާވެއްޖެ

24 Nov 2018 | 05:53

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ދެ ތަރިން ކަމުގައިވާ ނޭމާ އަދި އެމްބައްޕޭއަށް އެޓީމު ޗެންޕިއަންސް ލީގުގައި ލިވަޕޫލައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުން ފެނުމުގެ ފުރުސަތު އެބޮތް ކަމުގައި ޓީމުގެ ކޯޗް ޓޫޝެލް ބުނެފިއެވެ.

ނޭމާ އަދި އެމްބައްޕޭއަށް އަނިޔާވެފައިވަނީ އެ ދެ ކުޅުންތެރިން އެންމެ ފަހުން ގައުމީ ޓީމައެކު ކުޅުނު މެޗުތަކުގައެވެ.

ބްރެޒިލް އަދި ކެމެރޫން ބައްދަލު ކުރި ރަހުމަތްތެރިކަމުގެ މެޗުގައި ނޭމާގެ ފަލަމަސްގަނޑަށް އަނިޔާވިއިރު އެމްބައްޕޭގެ ކޮނޑަށް އަނިޔާވެފައިވަނީ އުރުގުއޭއައި ދެކޮޅަށް ފްރާންސް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައެވެ.

ލީގުގައި ކުރިއަށް އޮތް މެޗުގައި ޕީއެސްޖީއިން ޓޮލޫސޭއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ނޭމާ އަދި އެމްބައްޕޭ ނުކުޅޭނެ ކަމަށާއި ނަމަވެސް ޗެންޕިއަންސް ލީގުގައި ލިވަޕޫލައި ބައްދަލު ކުރާ މެޗުން މި ދެ ތަރިން ފެނުމުގެ އުންމީދު އެބޮތްކަމުގައި ޓޫޝެލް ބުނެފައިވެއެވެ.

ފްރާންސް ލީގުގައި ޕީއެސްޖީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް އެޓީމު އޮތީ 39 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގަ އޮތް ލީލްއަށް ލިބިފައިވަނީ 26 ޕޮއިންޓެވެ.

ޗެންޕިއަންސް ލީގުގައި މިފަހަރު އޮތް އެންމެ ވާދަވެރި ގުރޫޕު ކަމުގައިވާ ގުރޫޕް ސީގައި އޮތް ޕީއެސްޖީ އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު 5 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ދެވަނައިގަ 6 ޕޮއިންޓާއެކު ލިވަޕޫލް އޮތް އިރު ހަމަ މި އަދަދަށް ޕޮއިންޓް ހޯދައި ލަނޑުގެ ތަފާތުން މި ގުރޫޕުގެ އެއްވަނަ ލިބެނީ ނަޕޯލީއަށެވެ. 

Advertisement

ކޮމެންޓް