އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖްގެ ގަދަ16 އަށް ދަގަނޑޭ ދަތުރުކޮށްފި
އޭޝިޔަން ފުޓްބޯލް ކޮންފެޑެރޭޝަނުން ކްލަބްތަކަށް އިންތިޒާމްކޮށްގެން ބާއްވާ އެންމެ ބޮޑު މުބާރާތްކަމަށްވާ އޭއެފްސީ ކަޕްގައި ޖަހާފައިވާ އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ "އޭއެފްސީ ކަޕް ބްރެކެޓް ޗެލެންޖް"ގެ ގަދަ16 އަށް، ދިވެހިރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކުޅަދާނަ ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ދަތުރުކޮށްފިއެވެ.
ސަޕޯޓަރުންގެ މެދުގައި ވޯޓު ނަގައިގެން އެއްވަނަ ހޮވާ މި ޗެލެންޖްގެ ގަދަ16އަށް އޭނާ ދަތުރުކޮށްފައިވަނީ ކުވެއިތު ސްޕޯޓްސް ކްލަބަށް ބްރެޒިލްގެ ކުޅުންތެރިޔާ ރޮގެންހޯ ޖަހައިދިން ގޯލަށްވުރެ ގިނަ ވޯޓު ހޯދައިގެންނެވެ. އެގޮތުން ދަގަނޑޭ ވަނީ ވޯޓުލީ މީހުންގެ 97 އިންސައްތަ ހޯދާފައެވެ.
މި ޗެލެންޖްގެ ގަދަ16 ފެށިފައިވާއިރު، މި ބުރުގައި ދަގަނޑޭ އާއި ވާދަކުރަނީ ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާގެ ކުޅުންތެރިޔާ ސޮހެލް ރާނާއެވެ. މި ޗެލެންޖަށް އޭއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ވޯޓުލެވޭއިރު، ވޯޓުލުމުގެ ފަހު މުއްދަތަކީ 8 ނޮވެމްބަރެވެ.
މި ޗެލެންޖްގައި ދަގަނޑޭ ވާދަކުރަނީ 2013ވަނަ އަހަރު އޭނާ ނިއުރޭޑިއަންޓަށް ކުޅުނު އިރު، އިންޑޮނީޝިޔާގެ ޕާސިބޯއާ ދެކޮޅަށް ޖެހި ގޯލަކުންނެވެ. އެގޮތުން ގޯލް ކީޕަރާއި ޑިފެންސްގެ ކުޅުންތެެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި މި ގޯލަށް އޭރުވެސް ގިނަބަޔަކު ވަނީ ތައުރީފްކޮށްފައެވެ.
މި މެޗްގައި ނިއުރޭޑިއަންޓުން ހަތްގޯލު ޖެހިއިރު، އޭގެ ތެރެއިން ފަސް ގޯލު ޖަހާފައިވަނީ ދަގަނޑޭއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists