މި ސަރުކާރު ފެށުނުއިރު ރައްޔިތުންގެ ގިނަ އަސާސީ ހައްގުތަކެއް ހުރީ ހިފެހެއްޓިފައި: ރައީސް ޞާލިހް

11 Nov 2020 | 13:49

މި ސަރުކާރު ފެށުނުއިރު ރައްޔިތުންގެ ގިނަ އަސާސީ ހައްގުތަކެއް ހުރީ ހިފެހެއްޓިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރު ފެށުނުއިރު، ރައްޔިތުންގެ ވަރަށް ގިނަ އަސާސީ ޙައްޤުތަކެއް ހުރީ ހިފެހެއްޓިފައިކަމަށެވެ. އެގޮތުން ރައީސްކަމުގެ މަގާމާ ޙަވާލުވުމަށްފަހު، އެންމެ ފުރަތަމަވެސް ރައްޔިތުންނަށް އަނބުރާ ހޯދައިދިން އަސާސީ ޙައްޤުތަކަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ މިނިވަންކަންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިހް ވިދާޅުވީ ފުރިހަމަ ޑިމޮކްރެޓިކް ޖުމްހޫރީ ވެރިކަމެއް ދެމިއޮތުމަށްޓަކައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، ކޮންމެހެން ލިބިދޭންޖެހޭ ޙައްޤުތަކެއްކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަމަކީ، އޭގެ ބޭނުން ހިފާ ގޮތަކުން، ޤައުމުގެ މިސްރާބު ކޮންމެގޮތަކަށްވެސް ބަދަލުކޮށްލެވިދާނެފަދަ ބާރެއްކަމަށް ސިފަކުރެއްވިއެވެ.

"ހަމަނުޖެހުމެއްގެ ތެރެއަށްވެސް ވައްޓާލެވިދާނެ. ހަމަޖެހުމާއި ސުލްހަ މަސަލަސްކަންވެސް ޤައުމުގައި ފަތުރާލެވިދާނެ"، ރައީސް ޞާލިހް ވިދާޅުވިއެވެ.

އެހެންކަމުން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ، ޔޯލަ ވާހަކަތަކާއި، ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ނޫސްވެރިކަމެއްގެ ތެރެއިން، ޙަޤީޤަތް ހާމަކުރުމަށް އިސްކަންދީގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ކޮމެންޓް