ބައްފަގެ ވަޞިއްޔަތް!

25 Nov 2020 | 15:58

އައްޝައިޚް މުޙައްމަދު ޝާހިދު

އޭ ބައްޕަގެ ލޯބިވާ ދަރިފުޅާއެވެ. ބައްޕަ ދަރިފުޅު ދެކެ ނުހަނު ލޯބިވަމެވެ. ދަރިފުޅު މި ދުނިޔެއަށް ލީ ފުރަތަމަ ނޭވާއެކު ބައްޕައަށް ލިބުނު އުފާވެރިކަން ދުލަކުން އަދި ޤަލަމަކުން ބަޔާން ނުކުރެވޭހާ ބޮޑެވެ.

ދަރިފުޅާއިމެދު ގިނަގުނަ އުންމީދުތަކަކާއި ފޮނި ހުވަފެންތަކެއް ބައްޕަ ދެކެމުއެވެ. ދަރިފުޅާއެވެ. މިއީ ބައްޕަގެ އުއްމީދެވެ. ބައްޕަ ދަރިފުޅާމެދު ދެކެމުން އައި ހުވަފެނެވެ. ކަނުލައި އަޑު އަހާށެވެ.

އޭ ލޯބިވާ ދަރިފުޅާއެވެ. ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭޙަތްދެއްވަމުން ވިދާޅުވިއެވެ. "އޭ ލޯބިވާ ދަރިފުޅާއެވެ! ނަމަނަމަ ﷲ އަށް ޝިރުކު ނުކުރާށެވެ! ހަމަކަށަވަރުން ﷲ އަށް ޝިރުކު ކުރުމަކީ އެންމެ ބޮޑުވެގެންވާ އަނިޔާއެވެ." ބައްޕަގެ އެންމެ މުހިއްމު ވަޞިއްޔަތަކީވެސް މިއެވެ. އިބްރާހީމްގެފާނާއި ޔަޢުޤޫބުގެފާނު އެބޭކަލުންގެ ދަރީންނަށް ކުރެއްވި ވަޞިއްޔަތެވެ. ދަރިފުޅާއެވެ. ﷲ އެއްކައުވަންތަކުރާ ޙާލު ތައުޙީދުގެ އަހުލުވެރިއެއްގެ ގޮތުގައި މެނުވީ ﷲ އާ ބައްދަލު ނުކުރާށެވެ! މަޙްޝަރުގެ މައިދާނުގައި ލޮބުވެތި ރަސޫލާ މުޙައްމަދު صلى الله عليه وسلم

ގެ ޝަފާޢަތް ލިބުމުގެ އުއްމީދުވަނީ އެކަމުގައެވެ.

އޭ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅުގެ މަންމައަށް ހެޔޮކޮށް ހިތާށެވެ. މަންމަ ދެރަ ނުކުރާށެވެ. ފަހަރުގައި އެ މަންމަގެ ލޮލުން ވެއްޓޭ އެންމެ ކަރުނަތިއްކެއް ދަރިފުޅުގެ މުޅި ޙަޔާތް ބަރުބާދު ކޮށްލަފާނެއެވެ. لا قَدَّرَ اللهُ ނުވަ މަސްވަންދެން އެ މަންމަގެ ބަނޑުގައި ދަރިފުޅު އުފުލިއެވެ. އެ ލިބުނު ވޭނާ ނިކަމެތިކަމަކީ ފައިސާއަކުން އަދި ލޯތްބާ އަޅާލުމަކުންވެސް އަގު ނުކުރެވޭނެ އެފަދަ ދެވަނަ މިސާލެއް ނުވާ ބޮޑު ޤުރުބާނީ އެކެވެ. ރަޙްމާނުވަންތަ އިލާހަށް ކިޔަމަންވުމާ ވިދިގެން ދެން އަމުރުކުރައްވަނީ ތިބާގެ މައިންބަފައިންނަށް އިޙްސާންތެރި ވުމަށެވެ.

އޭ ލޯބިވާ ދަރިފުޅާއެވެ! ނަމާދަކީ ދަރިފުޅާ ދަރިފުޅުގެ ރައްބާ ގުޅުވައިދޭ، ޣާފިލުކަމުން ހިތް ހޭލައްވާ، ހިތުގެ ހަމަޖެހުމެވެ. އީމާންކަމާއި ކާފަރުކަން ވަކިކޮށްދޭ ބޯޑަރެވެ. ނަމަނަމަ އެ ބޯޑަރު ހުރަސް ނުކުރާށެވެ. ﷲ އަށް ބިރުވެތިވެ ކެތްތެރިވާށެވެ. ނަމާދުގެ މައްޗަށް ދަރިފުޅުގެ ޙަޔާތް ޘާބިތުކުރާށެވެ. ޤިޔާމަތް ދުވަހުގައި ފިރުޢައުނާ ހާމާނާ އެކުގައިވުމަށް ނޭދޭށެވެ!

މީސްތަކުންގެ ލޯމަތީ އެބައިމީހުންނަށް ފެންނަ ގޮތުގައި ފާފަތައް ކުރަން ދަރިފުޅު ލަދުގަންނަ އިރު ހުރިހާ ސިއްރުތަކެއް މޮޅަށް ދެނެވޮޑިގެންވާ، މީސްތަކުންގެ ވެރި ރައްބަށް ލަދުވެރިވެތިވުން މާ އައުލާކަން ބޮޑެވެ. އުޑުގެ އެންމެ މަތީގައިވިޔަސް އަދި ބިމުގެ އެންމެ އަޑީގައިވިޔަސް ދަރިފުޅު ކޮށްފައިވާ ކޮންމެ ޢަމަލެއްމެ ޤިޔާމަތްދުވަހު ދަރިފުޅުގެ ކުރިމައްޗަށް ގެނެވޭނެއެވެ.

ހެޔޮކަންކަމަށް މީސްތަކުންނަށް ދަޢުވަތުދޭވެށެވެ. ގޯސްކަމެއް ފެނިއްޖެނަމަ އެކަމެއް ދަރިފުޅަށް ކުޅަދާނަވީ މިންވަރަކުން މަނާ ކުރާށެވެ! މަލާމާތްވެސް ކުރެވޭނެއެވެ. ފުރައްސާރަވެސް ކުރެވޭނެއެވެ. އެހެންނަމަވެސް ﷲ ގެ ޙަޟްރަތުން އަތުވެދާނެ ޢިޤާބަކަށް ބިރުވެތިވާށެވެ! ނަމަނަމަ ފާސިޤުންނާ ފާޖިރުންގެ އެހީތެރިއަކުކަމުގައި ދަރިފުޅު ނުވާށެވެ!

އޭ ލޯބިވާ ދަރިފުޅާއެވެ! މީސްތަކުންނަށް ހެޔޮބަސް ބުނާށެވެ! މޫނު އަނބުރާލައި، ބޮޑާވާ މީހުންގެތެރެއިން ދަރިފުޅު ނުވާށެވެ! އަދި ހިނގާއިރު މަޑުމައިތިރި ކަމާއެކު މެދުމިނެއްގައި ހިނގާށެވެ. އަޑުގަދަކޮށް މީސްތަކުންނާ ހަޑިހުތުރު ބަހުން މުޚާޠަބު ނުކުރާށެވެ. އެއީ ޖާހިލުންގެ ޞިފައެކެވެ. ﷲ އެފަދަ އަޑުތައް އެއްފަދަ ކުރައްވާފައިވަނީ ޙިމާރުގެ އަޑާއެވެ. ދަރިފުޅާއެވެ. ހެޔޮ ރަޙްމަތްތެރިންނާއެކު ވާށެވެ. އެއީ ދުނިޔެމަތީގައި ހެޔޮދުޢާ ލިބި، ޤިޔާމަތްދުވަހު އެ އެކުވެރިންގެ ފަރާތުން ޝަފާޢަތެއް ލިބުމުގެ އުންމީދުގައެވެ.

ދަރިފުޅާއެވެ! މިއީ ބައްޕަގެ ކުރު ވަޞިއްޔަތެވެ. މިއަދު ދަރިފުޅު ބަލިތަކާއި ގެންލުންތަކުން ރައްކާތެރިކުރާ ފަދައިން އެދުވަހުން ނަރަކައިގެ ދަރަށްވެ ދަރިފުޅު އަނދައިގެން ދާކަށް ބައްޕަގެ ހިތަކަށް ކެތެއް ނުވެއެވެ. ޖައްނަތުގައި ދަރިފުޅާ އެކުގައި ވުމަށް އެދެވެއެވެ. މާތްﷲ އަހަރެމެން އެންމެން ސުވަރުގެއިން ބައްދަލުވުމަށް މިންވަރުކޮށްދެއްވާށި.

- ދަރިފުޅުގެ ލޯބިވާ ބައްޕަ -

Advertisement

ކޮމެންޓް