އަނިޔާ ހުއްޓުވޭނީ ފަރުދުންނާއި މުއައްސަސާތަކުންވެސް ފުރިހަމައަށް ޒިންމާ އަދާކޮށްގެން!

25 Nov 2020 | 14:47

ދިވެހިރާއްޖޭގެ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ސެޕްޓެމްބަރ މަހާއި ހަމައަށް 480 އަންހެނުންނާއި އަންހެންކުދިންނަށް ގެވެށި އަނިޔާ ލިބުނުކަން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ހަމައެކަނި ރިޕޯޓްކުރި އަދަދެވެ. މުޖުތަމައުގެ ހާލަތާއި އާންމު ފަރުދުން މުއައްސަސާތަކަށް ކުރާ އިތުބާރުގެ ކުޑަކަމުގެ މިންވަރަށް ބަލައިފިނަމަ މި އަދަދު އިތުރުވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެކެވެ.

ގެވެށި އަނިޔާގެ ދުވަސްވީ ކޮންމެ މައްސަަލައެއް ފެންމަތިވުމުންވެސް ބައެއް ފަރާތްތަކުން އަޑަށް ބާރުލައި އެންމެ ފުރަތަމަވެސް އަހާނީ އެ މައްސަލަ ކުރިން ރިޕޯޓް ނުކުރީ ކީއްވެގެންތޯއެވެ. މިފަދަ މައްސަލަތައް ރިޕޯޓްކުރުމަށް ފަސްޖެހޭ އެތަކެއް ސަބަބުތަކެއްވެއެވެ. މި ސަބަބުތައް މައިގަނޑުގޮތެއްގައި ދެބަޔަކަށް ބަހާލެވިދާނެއެވެ. އެއީ މުޖުތަމައުގައި މިފަަދަ ކަންކަމާމެދު އޮންނަ ވިސްނުމާއި މުއައްސަސާތަކަށް ކުރެވޭ އިތުބާރުގެ ކުޑަކަމެވެ.

އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތަކާ ގުޅޭގޮތުން އެންމެ ބާރަށް ބުނެވޭ އެއް ބަހަކީ ހަނުހުރުމަކީ ޚިޔާނާތެއްކަމަށެވެ. ތެދެކެވެ. އަނިޔާގެ މައްސަލަތައް ސިއްރުކުރުމަކީ އަނިޔާވެރިންނަށް ލިބިދޭ އިތުރު ބާރެކެވެ. އަދި އެއީ ގާނޫނީ ކުށެއްވެސްމެއެވެ. އެހެނަސް މިފަދަ މައްސަލައެއް ތިމާއަށް ނުވަތަ އެހެން މީހަކަށް ދިމާވުމުން އެކަން ފަޅާއަރުވާލައި އިންސާފު ހޯދަން މަސައްކަތް ކުރަން ފަސްޖެހޭ އެއް ސަބަބަކީ އަނިޔާގެ މައްސަލަތަކަށް މުޖުތަމައުގެ ބައެއް ފަރާތްތަކުން ނަަޒަރު ހިންގާ ގޮތެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ އެހާ ބޮޑުކަމެއްގެ ގޮތުގައި ނުދެކޭ ފަރާތްތަކެއް އަޅުގަނޑުމެންގެ މުޖުތަމައުގައި މަދުން ނަމަވެސް އުޅެއެވެ. އެފަދަ ބައެއް ފަރާތްތަކަށް އެއީ ތިމާ މީހާއާއި ނުބެހޭ އެހެން ބައެއްގެ މައްސަލައެކެވެ. އެއީ އެ ބަޔަކު ވާހަކަ ދައްކައިގެން ހައްލުކުރަންޖެހޭ މައްސަލައެކެވެ. ނުވަތަ ބައެއް ފަރާތްތަކަށް އެއީ އެފަރާތްތަކަށް ލިބުން "ހައްގު" އަނިޔާއެކެވެ. މިބައިމީހުން ދެކެނީ އަނިޔާއަކީ ލިބުން ހައްގު އަދަބެއް ކަމަށެވެ. ޕެޓްރިއާކީގެ ކިލަނބު ވިސްނުމުން ވަނީ އަނިޔާއަކީވެސް "ނޯމަލް"ކަމެއްގެ ގޮތުގައި ވިސްނައިދީފައެވެ. އެހެނަސް އަންހެނުން އެހެން އަންހެނުންނަށް އަނިޔާކުރާ ކަމީވެސް ހިތާމައާ އެކު ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.

ގެވެށި އަނިޔާގެ މައްސަަލަތައް މިފަދައިން އާދައިގެ ކަމަކަށް ހެދުމުގެ ނަތީޖާއަކީ އަނިޔާގެ މައްސަލަތަކަށް ފަސްއަޅައި ފޮރުވިގެން ދިއުމެވެ. އަނިޔާކުރާ ފަރާތްތަކަށް އިތުރު ބާރެއް ލިބިގެންދިއުމެވެ. އެފަދައިން އަމަލުކުރާ ފަރާތްތަކުންވެސް ކޮންމެވެސް ދުވަހަކުން ވިކްޓިމަކަށް ވެދާނެކަން ހަނދާނުގައި ނެތީބާވައެވެ؟

ހިތްވަރު ލިބިގަނެ، އިންސާފު ހޯދުމަށް އަނިޔާގެ މައްސަލަތައް ރިޕޯޓްކުރަން ޖެހެނީ ދައުލަތުގެ ކަމާގުޅޭ މުއައްސަސާތަކަށެވެ. އެހެނަސް އެ މުއައްސަސާތަކާއި އަދި ގުޅިފައިވާ ނިޒާމުން އަމަލުކުރާ ގޮތަކީވެސް މައްސަލަތައް ރިޕޯޓްކުރަން ފަސްޖެހޭ ސަބަބެކެވެ. އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ރިޕޯޓްކުރާތަނުން މުއައްސަސާތަކުންވެސް އެކަންކަމާ މެދު އެހާބޮޑަށް އަޅާނުލާތަން ބައެއް ފަހަރަށް ފެނިގެންދެއެވެ. އެކަމުގެ ސީރިއަސްކަން ގެއްލޭފަަދަ ގޮތަކަށް އަމަލުކޮށް، އިންސާފު ހޯދުމުގެ ދަތުރު ވަރަށް ބޮޑަށް ދިގުކޮށްލައެވެ. މިކަން މިފަދައިން ވެގެންދަނީ މުއައްސަސާތަކުން ފުރިހަމަ ގާނޫނީ ޒިންމާ އަދާކުރާނެވަރަށް މުވައްޒަފުން ތަމްރީން ކޮށްފައި ނެތުމުންނެވެ. އަދި ބައެއް ފަހަރަށް އެހެނިހެން ނުފޫޒުތަކުގައި ޖެހިގެންވެސްމެއެވެ.

މުއައްސަސާތަކުން މިފަދައިން އަމަލުކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ މައްސަަލަތައް ރިޕޯޓްކުރަން ބޭނުންވިޔަސް އެކަން ކުރުމަށް ފަސްޖެހިގެންދިއުމެވެ. އެތަންތަނަށް ކުރާ އިތުބާރު ގެއްލި މުޅި ނިޒާމު ގަޑުބަޑުވެގެންދިއުމެވެ. އަނިޔާވެރިންނަށް އިތުރު ހިތްވަރެއް ލިބިގެންދިއުމެވެ.

އަންހެނުންނާއި އަންހެންކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ވާހަކަ ކިތަންމެ އަޑުހަރުކޮށް ދެއްކިދާނެއެވެ. މޮޅެތި ކެމްޕެއިންތައްވެސް ކުރިއަށް ގެންދެވިދާނެއެވެ. އެކަަމަކު، އަނިޔާގެ ކަންތައްތައް ހަގީގަތުގައި ހުއްޓުވެން އޮތީ މުޅި މުޖުތަމައު އެކުގައި އަތުގުޅާލައިގެން މަސައްކަތް ކޮށްގެންނެވެ. ކަމުގެ ހައްސާސްކަން ގަބޫލުކޮށް، އާރު ހުރި ފިޔަވަަޅު އަަަޅައިގެންނެވެ. ފަރުދުންނާއި މުއައްސަސާތަކުންވެސް ގާނޫނީ ޒިންމާ އެންމެ ފުރިހަމައަށް އަދާކޮށްގެންނެވެ.

Advertisement

ކޮމެންޓް