ރައީސް ޔާމީންގެ މެސެޖް: ދިވެހިންގެ ޤައުމު އަނބުރާ ހޯދާނަން

06 Dec 2020 | 19:49

ދިވެހިންގެ ޤައުމު އަނބުރާ ދިބެހިންނަށް ހޯދާނެކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އެންމެ އިސްކޮށް ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު ޗެނަލް 13 އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިކަން ވަނީ ހިއްސާކުރައްވާފައެވެ.

"ރައީސްގެ ދެއްވި ވަރަށް ހާއްސަ އެއް މެސެޖަކީ ރާއްޖޭގެ ދީނާއި، ދިވެހިންގެ މިނިވަންކަން ތިބޭފުޅުން ދޫކޮށްނުލައްވާށޭ. އެކަމަށްޓަކާ ހިތްވަރުކޮށް، މަސައްކަތް ކުރައްވާށޭ. އިރާދަކުރެއްވިއްޔާ ގައުމު ތިމަންނަމެން އަނބުރާ ހޯދާނަމޭ" ޔާމީންގެ މެސެޖް ހިއްސާ ކުރައްވަމުން ޖަމީލު ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ވަރަށް ހިތްވަރު ގަދަކޮށް ކަމަށާއި، މިހާރުވެސް އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތްތައް އެގޮތުގައި ކުރިއަށް ގެންދިއުމަށް އެމަނިކުފާނު ހިތްވަރު ދެއްވާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެ ފަސް އަހަރަށް އެމަނިކުފާނު ޖަލަށްލުމާއެކު ފަސް މިލިއަން އެމެރިކާ ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ ހަ މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކަން ނޮވެންބަރު 28، 2019 ގައި ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށްދާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ނިމި މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގައެވެ.

Advertisement

ކޮމެންޓް