އިންޑިއާގެ ކޮވިޑްވެކްސިންގައި ފޭސް3 ގެ ޑާޓާއަށް ނުބެލުމުން ފާޑުކިޔަނީ

04 Jan 2021 | 22:08

އިންޑިޔާގެ ވެކްސިން އުފައްދާ ކުންފުންޏެއްކަމުގައިވާ ބާރަތު ބައޮޓެކް ކޯވެކްސިންއަށް އިންޑިއާ ސަރުކާރުގެ ޑްރަގް ރެގިއުލޭޓަރު ހުއްދަދީފައިވީނަމަވެސް އެވެކްސިންގެ 3 ވަނަ ފިޔަވަހީގެ ވެކްސިން އެފިޝެންސީ ޑާޓާ، އިންޑިއަން ކައުންސިލް ފޯރ މެޑިކަލް ރިސާޗަށް ލިބިފައިނުވާކަމަށް އެއިދާރާއިން އިއުތިރާފްވެއްޖެއެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި ކޯވެކްސިންގެ ރައްކާތެރިކަމާއިމެދު ސުވާލުކުރުމުން އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗްގެ ޑައިރެކްޓަރ ޖެނެރަލް ވިދާޅުވީ އެވެކްސިންގެ އިފެކްޓިވްކަން ވަރަށް މަތީގައި ހުންނަކަމަށް އިންޑިކޭޓާރސްތަކުން ދައްކާކަމަށެވެ. އެކަމަކު އޭގެ ތަފްސީލަކަށް އޭނާ ނުދެއެވެ. އޭނާ ވިދާޅުވީ ޕްރެލިމިނަރީ ޑާޓާތައް އެއްކުރެވުނު ޖަނަވާރުންނަށް ވެކްސިން ދީގެން ކުރެވުނު ދިރާސާތަކައި ފޭސް އެކަކާއި ފޭސް 2 ގެ ނަތީޖާތަކުން ވެކްސިން އިފެކްޓިވްކަމާއި ރައްކާތެރިކަން ފާހަގަކުރެވިފައިވާކަމަށެވެ. ވެކްސިންގެ އެންމެ މުހިއްމު މަރްހަލާއަކީ ފޭސް 3ގައި ކުރެވޭ ތަޖުރިބާތައް ކަމަށްވާއިރު ބާރަތު ބައޮޓެކުން 3 ވަނަ ފިޔަވަހީގެ ތަޖުރިބާތައް ފެށީ މިދިޔަ ނޮވެމްބަރު މަހުގެ މެދުތެރޭގައެވެ.

އެހެންގައުމުތަކުގެ ވެކްސިން ކުންފުނިތަކުން މިމަރްހަލާގައި 6 އެއްކަ މަސްދުވަސް ހާދަވެފައިވެއެވެ. ތިންވަނަ މަރްހަލާގެ ޑާޓާތައް ލިބިފައިނުވާކަމަށް އިންޑިއަން މެޑިކަލް ކައުންސިލުން ހާމަކޮށްފައިމިވަނީ އިންޑިއާގެ ކޮވިޑް އަމިއްލަ ވެކްސިނަށް ސަރުކާރުން ހުއްދަދިން ގޮތާއިމެދު ބޮޑެތި ފާޑުކިއުންތަކަކާއި ތާރީފްކުރުންތަކެއް އޮހެމުންދާ ދަނޑިވަޅެއްގައެވެ. ބާރަތު ވެކްސިން ހުއްދަކުރުމުން އެގައުމުގެ ހެލްތުމިނިސްޓަރ ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފަށްފަށުން ތާރީފްކުރައްވައި މިކާމިޔާބު ފާހަގަކުރައްވާފައެވެ.

ބޮޑުވަޒީރު ވިދާޅުވެފައިވަނީ މިއީ މުޅި އިންޑިއާ ފަޚްރުވެރިވާ ވަރުގެ ކާމިޔާބެއްކަމަށެވެ. މިއީ '' މޭޑް އިން އިންޑިއާ'' ގެ ސްލޯގަންއަށް ލިބުނު ކާމިޔާބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވައެވެ. ހުރިހާ ތާރީފެއް އޮހެނީ މޯދީގެ ދުރުވިސްނުމާއި ހިކުމަތު އަމަލީގެ މޮޅުކަމުގެ މައްޗަށެވެ.

އިންޑިއާގެ އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާގޮތުގައި ސަރުކާރުން ވެކްސިންއަށް ހުއްދަދީފައިވަނީ ދިރާސާ މަރްހަލާތައް ނުނިމެނީސް އަވަސް އަރުވާލައިގެން އިންތިޚާބުތަކެއް ކުރިމަތީގައި އޮއްވައި ސިޔާސީ ފައިދާއެއް ނެގުމަށެވެ. މީގެ ދުވަސްކޮޅެއް ކުރިން ބާރަތު ވެކްސިން ޓްރެއަލްގައި ވޮލެންޓިއަރެއްގެގޮތުގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިން މީހަކު ދެވަނަ ޑޯޒް ދިނުމާއި ހަމައަށް އޮންނަ މުއްދަތުގެތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވުމާއި އަދި ޚުދު ބާރަތު ކުންފުނިން އެކުންފުނީގެ ވެކްސިން ޓްރެއަލްގައި ބައިވެރިވާން މީހުން ބޭނުންނުވާކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައި، 3 ވަނަ މަރްހަލާގެ ޑާޓާތައް ދިރާސާކުރުމެއްނެތި ސަރުކާރުން ވެކްސިން ހުއްދަކުރުމުން ފާޑުކިޔާމީހުން ބުނަނީ އިންސާނުންނަށް ދޭ ވެކްސިނަކާއިމެދު މިގޮތަށް އަމަލުކުރެވިގެން ނުވާނެކަމަށެވެ. މިކަމުގެ ސަބަބުން އިންޑިއާގެ އަގުވެށްޓުން ނޫން ކަމެއް ނުވާނެކަމަށްވެސް ބުނެއެވެ. މިއީ ސިޔާސީ ވެކްސިނެއްކަމަށް ބުނާމީހުން ކިޔަނީ ފުރަތަމަ ސަރުކާރު މިނިސްޓަރުންނަށް މިވެކްސިން ދިނުމަށެވެ. އިންޑިއާ ސަރުކާރުގެ ޑްރަގް ރެގިއުލޭޓަރ އިއްޔެ ވިދާޅުވެފައިވަނީ މިވެކްސިނާއިމެދު 110 ޕަސެންޓް ޔަގީންކަން އޮތްކަމަށެވެ. ވެކްސިންގެ ތިންވަނަ ފިޔަވަހީގެ ޑާޓާތައް ލިބިފައިނުވާކަމަށް އެގައުމުގެ މެޑިކަލް ރިސާޗް ކައުންސިލުން މިއަދު ހާމަކުރި ކުރުމާއިމެދު ސަރުކާރުން އަދި ވަކިއެއްޗެއް ނުބުނެއެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑަށް ކޮވިޑް ފެތުރިފައިވާ އިންޑިއާގައި ކޮވިޑް ފެތުރުން މަޑުޖެހެމުންދަނީވެސް އާދަޔާއި ޚިލާފްގޮތަކަށެވެ. ދުވާލަކު ލައްކައަކާއި ގާތްކުރާ އަދަދަކަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރާއިހަމައަށް މީހުންނަށް ކޮވިޑް ޖެހެމުންދަނިކޮށް ކުއްލިއަކަށް ކޭސްތައް ދަށަށްދިޔަގޮތަށް މިހާރު އެގައުމުގައި ދުވާލަކު ބަލިޖެހޭކަމަށް ދައްކަނީ 20 ހާހުން ދަށުގެ އަދަދަކުންނެވެ. އެމެރިކާއާއި ޔޫރަޕްގެ ސިވިލައިޒްޑް ސޮސައިޓީތަކުގައިވެސް ކޮވިޑް ފެތުރުން ކޮންޓްރޯލެއް ނުކުރެވެއެވެ. އިރުމަތީ އޭޝޔާގެ ގައުމުތަކަކީ ވަރަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ އަދި މީހުންނަކީވެސް ބަލިމަޑުކަމުގެ ފިޔަވަޅުތަކަށް ބޯލެނބުމުގެ ސަގާފަތެއް ގެންގުޅޭ ބަޔަކަށްވުމުން އިރުމަތީ އޭޝިޔާގެ ގައުމުތަކުގައި ބަލި ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލްކުރެވިފައިވެއެވެ. އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެގައުމުގައި ކޮވިޑްކޭސްތައް މަދުވުމުގެ އެއްސަބަބަކަށް ކޮވިޑް ޓެސްޓްކުރަން ބޭނުންކުރާ މެތަޑު ހިމެނެއެވެ. އިންޑިއާގައި ގިނައިން ކުރަނީ ރެޕިޑް އެންޓިޖެން ޓެސްޓެވެ. މިއީ ނަތީޖާ އަވަސް އަދި އަގުހެޔޮ ޓެސްޓެކެވެ. އެކަމަކު މިޓެސްޓުން ވަރަށް ގިނަފަހަރު ފޭކް ނަތީޖާއެއް ނެރެއެވެ. ޓެސްޓްގެ އެކިއުރެސީ ލެވެލް 50 ޕަސެންޓަށްވުރެވެސް ގިނަ ފަހަރު ދަށެވެ. އިންޑިއާގައި ކޭސްތައް މަދުވާ އަނެއް ސަބަބަކަށް އެކްސްޕާޓުން ލަފާކުރަނީ ރަސްމީ ތަފާސް ހިސާބުން ނުދެއްކިޔަސް ސްޓޭޓްތަކުގެ ގިނަ މީހުންނަށް ކުރިއްސުރެ ކޮވިޑްޖެހިފައި ތިބުމެވެ.

Advertisement

ކޮމެންޓް