Advertisement

ކޮވިޑްގެ ނުރައްކާ ބޮޑުވެ އިނގިރޭސިވިލާތް އަނެއްކާވެސް ލޮކްޑައުންގައި!

05 Jan 2021 | 13:29

އިނގިރޭސިވިލާތުގައި ކޮވިޑް-19 ބަލި ފެތުރެމުންދާ މިންވަރު އަނެއްކާވެސް އިތުރުވެ، މުޅި އެގައުމުގައި ލޮކްޑައުނެއް ހިންގުމަށް ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ސަރުކާރުން ނިންމައިފިއެވެ.

އެގޮތުން ބުދަ ދުވަހުން ފެށިގެން އެގައުމުގައި ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން ސްކޫލްތައް ބަންދުކޮށްފައިވާއިރު، ޒަރޫރީ ބޭނުމެއްގައި މެނުވީ ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ. މިހާރުވެސް އެގައުމުގެ ލަންޑަންފަދަ ބައެއް ސަރަހައްދުތަކުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ.

މި ލޮކްޑައުން އިއުލާންކުރައްވަމުން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ އިއްޔެއާ ހަމައަށް 27،000އަށްވުރެ ގިނަމީހުން ކޮވިޑް-19 ބަލީގެ ސަބަބުން ހޮސްޕިޓަލްގައި އެނދުމަތިކުރެވިފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލްމަހުގައި އެގައުމުގައި ފެތުރުނު ކޮވިޑްގެ ފުރަތަމަ ވޭވްގެ ޕީކްއާއި އަޅާބަލާއިރު 40 އިންސައްތަ އިތުރު އަދަދެކެވެ. 

އިނގިރޭސިވިލާތުގައި ކޮވިޑްގެ އާ ވޭރިއެންޓެއް ދަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. މި ވޭރިއަންޓަކީ 70 އިންސައްތައާ ހަމައަށް ބަލިޖެހުމުގެ ފުރުސަތު އިތުރު ވޭރިއެންޓެއްކަމަށް އެގައުމުން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިނގިރޭސިވިލާތުން މީގެކުރިންވެސް ވަނީ ތިން މަސް ދުވަހަށް މިފަދަ ލޮކްޑައުނަކަށް ގޮސްފައެވެ. އެއީ މިދިޔަ އަހަރުގެ މާޗްމަހުގެ ފަހުކޮޅުން ފެށިގެން ޖޫން މަހާއި ހަމައަށެވެ.

Advertisement

ކޮމެންޓް