ދައުރުން ބޭރުގައި މަޖިލީހުގެ ޚާއްސަ ޖަލްސާއެއް ބާއްވަނީ

06 Jan 2021 | 13:07

ލޯކަލް ކައުންސިލް އިންތިޚާބް ބޭއްވޭނެ ގޮތެއް ހޯދަން ދައުރުން ބޭރުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފަށައިފިއެވެ.

މިޖަލްސާ ބާއްވަން މަސައްކަތް ކުރަމުންދަނީ މިމަހުގެ 15 ވަނަ ދުވަހު ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވީ، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށްޓަކައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.އަދި މިވަގުތު ގިނަ މެމްބަރުން މާލޭގައި ނެތް ނަމަވެސް މި ހަފްތާ ނިމުމުގެ ކުރިން ޖަލްސާ ބާއްވާނެ ތާރީހަކާއި ގުޅޭގޮތުން ގޮތެއް ނިންމޭނެ ކަމަށެވެ.

އިލްޔާސް ވިދާޅުވީ، ދައުރުން ބޭރުގައި މަޖިލިސް ޖަލްސާއެއް ބާއްވަން މަޝްވަރާކުރަމުންދަނީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބް ބޭއްވޭނެ މަގުފަހިކޮށްދިނުމަށް ކަމަށެވެ.އަދި އެކަމަށްޓަކައި ޤާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭއިރު، ޕީޖީ ގްރޫޕުގައި މަޝްވަރާކުރުމަށްފަހު ވަރަށް އަވަހަށް މަޖިލީހުގެޖަލްސާއެއް ބޭއްވުމާއި މެދު ގޮތެއް ނިންމޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، ކައުންސިލް އިންތިހާބާއި ބެހޭ ޚާއްސަ ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުގެ ޑްރާފްޓު އެކުލަވާލައި މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން ގާނޫނަށް އިސްލާހު ގެނެސްދީފި ނަމަ މިއަހަރުގެ ރޯދަ މަހުގެ ކުރިން ކައުންސިލް އިންތިހާބު ބޭއްވޭނެ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަނީ އަންނަ މާޗު މަހުގެ ހަވަނަ ދުވަހުއެވެ.ނަމަވެސް ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އަންނަ މަހުގެ 3 ވަނަ ދުވަހާއި ހަމައަށް ދިގުދަންމާލުމާއި ގުޅިގެން އިންތިޚާބް ވަނީ އަނެއްކާވެސް ފަސްކޮށްފައެވެ.

Advertisement

ކޮމެންޓް