އެސްޓްރާޒެނެކާ ވެކްސިނުން ދެކުނުއެފްރިކާގެ ވޭރިއެންޓް ހުއްޓުވައިދިނުން ކުޑަ

07 Feb 2021 | 21:25

ދެކުނުއެފްރިކާއިން ފެނިފައިވާ ކޮރޯނާވައިރަސްގެ އާ ވައްތަރަށް އޮކްސްފޯޑް-އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިނުން ލިބިދެނީ ވަކިވަރެއްގެ ރައްކާތެރިކަމެއްކަމުގައި އެކުންފުނިން މިއަދު ބުނެފިއެވެ.

ދެކުނުއެފްރިކާއިން ފެނިފައިވާ ކޮރޯނާވައިރަސްގެ ވައްތަރަށް ފަރުވާދިނުމަށް މިހާތަނަށް ކުރެވިފައިވާ ޓްރެއަލް އެކަކާއި ދޭއްގެ ތަޖުރިބާތަކުން ފެންނަނީ އާދައިގެ ވަރަކަށާއި އަދި މެދުމިންވަރެއްގެ ދަރަޖައަކަށް ބަލިޖެހޭ މީހުންނަށް ވަކިމިންވަރެއްގެ ރައްކާތެރިކަމެއް ވެކްސިނުން ފޯރުކޮށްދޭކަމަށް އެސްޓްރާޒެނެކާއިން ބުނެފައިވެއެވެ.

މިއާވައްތަރަށް ފަރުވާދިނުމަށް ވެކްސިން ތަރައްގީކޮށް މިއަހަރުގެ ފަހުކޮޅު ބޭނުންކުރެވޭވަރުވާނެކަމަށްވެސް ބުނެފައިވެއެވެ. އެކަމަކު ދެކުނުއެފްރިކާގެ ވައިރަސްވައްތަރާއި ތަފާތުކޮށް އިނގިރޭސިވިލާތުން ފެނިފައިވާ ކޮރޯނާވައިރަސްގެ ވައްތަރާއި ދެކޮޅަށް އެސްޓްރާޒެނެކާގެ ވެކްސިން ފުރިހަމައަށް މަސައްކަތްކުރެއެވެ.

އެސްޓްރާޒެނެކާގެ ވެކްސިނާއިގުޅޭ އެހެންކަމެއްވެސް ފާހަގަކުރެވެއެވެ. އެއީ ޖަރުމަނާއި ފަރަންސޭސިވިލާތާއި ބެލްޖިއަމްފަދަ ގައުމުތަކުން އެވެކްސިން، އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ނުޖަހަން ނިންމާފައިވުމެވެ. ޖަރުމަނުން ބުނެފައިވަނީ އުމުރުން ދޮށީ އުމުރުފުރާއަށް ވެކްސިން ތަޖުރިބާކުރުމަށް އެކަށީގެންވާ މިންވަރަށް ޓެސްޓްކުރުން ކުރިއަށް ގެންދެވިފައިނުވާކަމަށް ގަބޫލުކުރާކަމަށެވެ. އެހެންނަމަވެސް އެސްޓްރާޒެނެކާއިން ބުނެފައިވަނީ އެކުންފުނީގެ ވެކްސިން ރައްކާތެރިކަން ސައިންޓިސްޓުން ސާބިތުކޮށްފައިވާކަމަށެވެ

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ އެސްޓްރާޒެނެކާގެ ވެކްސިނާއިމެދު ޑަބްލިޔުއެޗްއޯގެ ރެކޮމަންޑޭޝަން ފެބްރުއަރީ 15 ވަނަ ދުވަހު ހާމަކުރެވޭނެކަމަށެވެ. އެސްޓްރާޒެނެކާގެ އެތައް މިލިޔަން ޑޯޒްއެއް ޑަބްލިޔުއެޗްއޯގެތެރެއިން ގައުމުތަކަށް ބެހުމަށް ހަމަޖެހިފައިވެއެވެ. 

އެސްޓްރާޒެނެކާގެ ވެކްސިން ޝިޕްމަންޓް ފަރަންސޭސިވިލާތަށް މިހާރުވަނީ ގެންގޮސްފައެވެ. 

Advertisement

ކޮމެންޓް