ސްޓެލްކޯއާ އެކު ދިވެހި ޒުވާނުންނަށް އާ އުންމީދެއް!

27 Feb 2021 | 15:50

ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު އެޅި ލޮކްޑައުންގެ ފިޔަވަޅާއި، ދުނިޔޭގެ އިޤްތިޞާދަށް އައި ލޮޅުންތަކާއެކު ދިވެހިރާއްޖޭގެ ގިނަ ބައެއްގެ މާލީ ފުދުންތެރިކަމުގެ ހާލަތަށް ބަދަލުތަކެއް އައެވެ. އެގޮތުން ގިނަ ޒުވާނުންތަކަކަށް ކުރިމަތިވި އެންމެބޮޑު އެއް ދައްޗަކަށް ވެގެންދިޔައީ އަދާކުރަމުންދިޔަ ވަޒީފާ ގެއްލިގެން ދިއުމެވެ. ނުވަތަ ލިބެމުންދިޔަ އާމްދަނީ ވަރަށް ބޮޑަށް ކުޑަވެގެން ދިއުމެވެ.

ކޮންމެ ޤައުމެއްގެވެސް އިޤްތިޞާދީ ހަރަކާތްތެރިކަމުގެ މައިބަދައަކީ އެޤައުމެއްގެ ޒުވާން މަސައްކަތްތެރިންގެ އާބާދީއެވެ. އެ އާބާދީގެ ފުދުންތެރިކަން ދަށްވެ، މަސައްކަތްކުރާ ފަރާތްތަކުގެ މަދުވުމަކީ ޤައުމީ ކުރިއެރުމަށް އޭގެ އަސަރުކުރާނެފަދަ ކަމެކެވެ. މިފަދަ ހާލަތެއްގައި އަމިއްލަ އާމްދަނީ ދަށްވުމުންވެސް ކޮންމެވެސް ގޮތަކުން ޙަލާލު މަސައްކަތެއްކޮށް އާމްދަނީ ހޯދުމަށް ޒުވާނުންވެސް ބޭނުންވާނެއެވެ. އެހެންކަމުން އަމިއްލަ ފައިތިލަ މައްޗަށް ތެދުވެ، އާމްދަނީއެއް ބޭނުންވާ ޒުވާނުންނަށް، ސަރުކާރު ހިއްސާވާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން މިވަނީ ރަނުގެ ފުރުޞަތެއް ހުޅުވާލާފައެވެ.

ދިވެހި މަސައްކަތްތެރިންނަށް އިސްކަންދިނުމުގެ ސިޔާސަތުގެ ދަށުން ސްޓެލްކޯއިން ވަނީ އުމުރުން 18އަހަރާ 45 އަހަރާއި ދެމެދުގެ ދިވެހިންނަށް އެކުންފުންޏާއެކު ދުވަހު އުޖޫރައަށް ކޮންޓްރެކްޓް މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަސާސީ ތަޢުލީމު ހުރެ، ޞިއްޙަތު ސަލާމަތުން ހުރި ކޮންމެ ފަރާތަކަށްވެސް ސްޓެލްކޯއާ އެކު މަސައްކަތްކުރުމަށް ކުރިމަތިލެވޭނެއެވެ.

އެކުންފުނިން މަޢުލޫމާތުދޭ ގޮތުގައި މިގޮތަށް ކުރިމަތިލާފައިވާ ބައެއް ފަރާާތްތަކުން ދަނީ މިހާރުވެސް ސްޓެލްކޯގެ ބައެއް މަސައްކަތްތަކުގައި ބައިވެރިވަމުންނެވެ. މިއިން ކޮންމެ މަސައްކަތްތެރިއަކަށް މަސައްކަތުގައި ހޭދަކުރާ ވަގުތަށް ބަލާފައި ދުވަހު އުޖޫރައިގެ ގޮތުގައި 100 ރުފިޔާ އާއި 250 ރުފިޔާއާ ދެމެދުގެ އެލަވެންސެއް ލިބޭނެކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ. އަދި ކޮންމެ ދުވަހަކުވެސް ކޮއްތު ފައިސާގެ ގޮތުގައި 175 ރުފިޔާ ލިބޭނެއެވެ.

މިފަދައިން މަސައްކަތްކުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓަރީވުމަށް ފޯމެއް ފުރަންޖެހޭނެއެވެ. އެފޯމު ސްޓެލްކޯގެ އިންފޮރމޭޝަން ކައުންޓަރުންނާއި އެކުންފުނީގެ ވެބްސައިޓުން ލިބޭނެއެވެ. ސްޓެލްކޯއިން ބުނިގޮތުގައި މިގޮތަށް މަސައްކަތް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށްފަހު، މަސައްކަތެއް ކުރިމަތިވުމުން އެކަން ހަވާލުކުރުމަށް އެފަރާތްތަކާ ގުޅާނެއެވެ.

މިފަރާތްތަކުން މަސައްކަތްތައް ކުރާއިރު، ސްޓެލްކޯގެ ސުޕަވައިޒަރަކު އެތަނުގައި ހަރަކާތްތެރިވެ މުވައްޒަފުންނަށް އިރުޝާދުތައް ދެމުން ގެންދާނެއެވެ.

ކޮވިޑްގެ ސަބަބުން ގިނަބަޔެއްގެ މާލީ ހާލަތަށް އަސަރުކޮށްފައިވާއިރު، ސްޓެލްކޯގެ މި އައު ހަރަކާތަކީ އެފަދަ ފަރާތްތަކަށް އޮތް ރަނުގެ ފުރުޞަތެކެވެ. ދިވެހި ޒުވާނުންނަށް ސްޓެލްކޯއިން މިފަހަރު މި ގެނެސްދެނީ އާ އުންމީދެކެވެ.

Advertisement

ކޮމެންޓް