ކުރިއަށްއޮތް 30 މިނެޓް ތެރޭ ފެންހިންދާލެވޭނެ: ކާނަލް ޒުހުރީ

05 Dec 2018 | 22:47

މާލެއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެފައިވާ މަގުތަކުން ކުރިއަށް އޮތް 30 ވަރަކަށް މިނެޓުގެ ތެރޭގައި ފެން ހިންދާލެވޭނެކަމަށް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސަސްގެ ކޮމާންޑަރ ކާނަލް އަބްދުﷲ ޒުހުރީ ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތަކުން ފެންހިންދުމުގެ އޮޕަރޭޝަނާއި ގުޅޭގޮތުން މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ކާނަލް ޒުހުރީ ވިދާޅުވީ ކުރިއަށް އޮތް 30 މިނެޓް ތެރޭގައި މާލޭގެ މަގުތަކުން ފެން ހިންދާލައި އާންމުންނަށް ހިނގާ ބިނގާވެ އުޅެވޭވަރު ވާނެކަމަށެވެ.

މިހާރުވެސް އެންމެ ފެންގަނޑު ބޮޑީ އައިޖީއެމްއެޗް ސަރަހައްދުގައިކަން ފާހަގަކުރައްވަމުން ކާނަލް ޒުހުރީ ވިދާޅުވީ، ޕަންޕްތައް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ހެޔޮއެދޭ ފަރާތްތަކުން އެކަމުގައި ސިފައިންނަަށް އެހީތެރިވަމުންދާ ކަމަށެވެ. އެގޮތުން އުރީދޫ މޯލްޑިވްސް އިން ހަދިޔާކުރި ގަންބޫޓުތަކާއި އެލިޔާއިން ހަދިޔާކުރި ފެން ޕަންޕް ޒުހުރީ ފާހަގަކުރެއްވިއެވެ.

މިއަދު ހެނދުނުންސުރެ ވާރޭ ވެހެމުންދިޔައިރު، އައިޖީއެމްއެޗް އަދި އަމީނީ މަގު ފަދަ ސަރަހައްދުތަކުގައި ދެފޫޓެއްހާ އުސްކޮށް ފެންބޮޑުވިއެވެ. މީގެ ސަބަބުން އެ ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅުމަށާއި ދުއްވާ ތަކެތި ދުއްވުމަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

Advertisement

ކޮމެންޓް