މަލީޙުގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފި

01 Mar 2021 | 14:58

މިނިސްޓަރ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި ހުންނެވި މުޙައްމަދު މަލީޙް ޖަމާލްގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މަލީޙުގެ އިތުބާރުނެތްކަމަށް މަޖިލީހުން ފާސްކުރީ ދެންމެއަކު ނެގުނު ވޯޓުންނެވެ. މި ވޯޓްގައި މަލީޙުގެ އިތުބާރުނެތްކަމަށް 59 މެންބަރަކު ވޯޓްދެއްވިއެވެ. އެބޭފުޅާގެ މައްޗަށް އިތުބާރު އޮތްކަމަށް ވޯޓްދެއްވީ އެންމެ މެންބަރެކެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ 4 މެންބަރުން ތިއްބެވިއެވެ.

14 މެންބަރުންގެ ސޮޔާއި އެކު މަލީޙާއި ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލައެއް ވައްދާފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. މި މައްސަލައިގައި ޖަވާބުދާރީވާން މިނިސްޓަރ މަލީޙަށް ވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން 14 ދުވަހުގެ މުއްދަތެއް ދެވިފައެވެ. މަލީޙުއާ ދެކޮޅަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ތްރީލައިން ވިޕެއްވެސް ނެރެފައެވެ.

މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ ޓެލެކޮމިއުނިކޭޝަން ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ކޮމިޔުނިކޭޝަންސް އޮތޯރިޓީ އިން ހަދަންޖެހޭއެއްވެސް ޤަވާޢިދެއް، މަޤާމުގައި ދެ އަހަރު ވީއިރުވެސް ހައްދަވާފައި ނުވާ ކަމަށްބުނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތް ރަނގަޅު ނުވާ މައްސަލައިގައި މަލީޙަށް އަބަދުވެސް އާންމުންގެ ފާޑުކިޔުމާއި ކުރިމަތިލައްވަން ވަނީ ޖެހިވަޑައިގެންފައެވެ.

Advertisement

ކޮމެންޓް