އަމަލީ ދިވެހި އެންމެންނަށްވެސް ކަމުގޮސްފި

11 Dec 2018 | 18:10

ތައުލީމީ ދާއިރާގަައި ހަރަކާތްތެެރިވާ ބޭފުޅަކާއި ދިމާވެއްޖެނަމަ އަބަދުވެސް އިވޭނެ ވާހަކައަކީ، ދިވެހި ބަހާއި، ތާރީޚާއި ސަގާފަތަށް އަދުގެ ޅަޖީލުގެ ހިތް ނުޖެހޭ ވާހަކައެވެ. އެއާއި ދުރުގައި، ފަރަންޖީ ބަސްތަކާއި ސަގާފަތަށް ދިވެހި ދަރިންގެ ހިތްތަކުގައި ޖާގަ ދެވެމުންދާ ވާހަކައެވެ.

މިފަދަ ފަރާތްތަކަށް ރައްދުދޭ ފަރާތްތަކުން ދައްކާ މައިގަނޑު ވާހަކައަކީ މަތީގައި ބަޔާންވެފައިވާ އިލްމުތަކަށް ކުދިންގެ ހިތް ލެނބެމުން ނުދަނީ، އިހުގެ އުސްލޫބުތަކަށް އެ އިލްމުތައް ކިޔަވައިދޭތީ ކަމަށެވެ. އެއީ ހަމަ ހަގީގަތުގައިވެސް ތެދެކެވެ. ޓެކްނޮލޮޖީ އަދި މަލްޓިމީޑިޔާގެ ވަސީލަތްތައް ބޭނުންކޮށްގެން ޒަމާނީ ވައްޓަފާޅިއަށް ބަހާއި ތާރީޚު، އަދި ފުރިހަމަ ގޮތުގައި ކިޔައިދެވެން އަދި ފެށިފައި ނެތީއެވެ.

ނަމަވެސް މިދިޔަ އާދިއްތަ ދުވަހު ފާހަގަކުރި ރާއްޖެ އިސްލާމްވީ ދުވަހު، މީސް މީޑިޔާގެ ވަސީލަތްތަކުގައި އާންމުވި ވީޑިޔޯއަކީ ޓެކްނޮލޮޖީއާއި ދިވެހިރާއްޖޭގެ އިލްމު ގުޅުވާލުމުގެ ފެށުމޭ ބުނެވިދާނެއެވެ. "އަމަލީ ދިވެހި" މިނަމުގައި ޒުވާނުންކޮޅެއް ހިންގާ ޖަމްެެއިއްޔާއަކުން ވަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ތާރީޚީ ފަތްފުތްތަކަށް ނަޒަރު ހިންގާލައި ވަރަށް ފުރިހަމަ ޔޫޓިއުބް ވީޑިޔޯއެއް ތައްޔާރުކޮށްފައެވެ.

ރާއްޖެ އިސްލާމްދީނުގެ ހިދާޔަތަށް ބަދަލުވެގެންދިޔަ ވާހަކަައަކީ ތާރީޚީ ނަޒަރަކުން ބަލައިފިނަމަ އޭގައި ވަރަށް ގިނަ ޚިލާފުތަކެއް ހުރި ވާހަކައެކެވެ. އާންމުގޮތެއްގައި މިފަދަ ވާހަކަތައް ގެނެސްދޭނީވެސް އެއް ނަޒަރަކުންނެވެ. ނަމަވެސް އަމަލީ ދިވެހިން ޔޫޓިއުބްގައި "ރާއްޖެ އިސްލާމްކުރެއްވީ މައިކަލް ޖެކްސަންތަ؟"، މި ނަމުގައި އަމަލީ ދިވެހި ޖަމްއިއްޔާއިން އަޕްލޯޑްކުރި ވީޑިޔޯގައި މި ވާހަކަ ވަނީ ގިނަ ނަޒަރިއްޔާތުތަކުން ގެނެސްދީފައެވެ. އެކަށީގެންވާ ތާރީޚީ ހެކިތަކާއި އެކު ޒަމާނީ ގޮތަކަށް ގެނެސްދިން މި ވީޑިޔޯވަނީ ވައިގައި ވަރަށްބޮޑަށް ހިފާފައެވެ.

މިފަދަ އިތުރު ވީޑިޔޯތަކެއް ކުރިއަށްެއޮތް މުސްތަގްބަލްގައިވެސް އުފައްދައި، އާންމުންނާއި ހިސާބަށް ގެންނާނެކަމަށް އެ ޖަމްއިއްޔާއިން ވަނީ ބުނެފައެވެ.

މި ވީޑިޔޯގައި އެންމެ ބޮޑަށް ފާހަގަކުރެވުނު ތަންކޮޅަކީ ހުރިހާ އުމުރެއްގެ ފަރާތްތަކާއި ގުޅޭނެ ގޮތަށް މައުުލޫމާތުތައް ހިމަނައި، ވީޑިޔޯ އަތުރާލާފައިވާ ކަމެވެ. އެޖަމްެއިއްޔާގެ ރައީސް ރައުފަތު ޞާދިގު ހުށައަޅައިދިން މި ވީޑިޔޯގައި މަޖާޒީ ގޮތަކަށް ތާރީޚީ ވާހަކަތަކެއް ގެނެސްދީފަައިވާއިރު، މިގޮތަށް ތާރީހީ ވާހަކަތައް ގެނެސްދިނުމުން ހުރިހާ ފަރާތްތަކެއްގެ ޝައުގުވެރިކަން އަމަލީ ދިވެހިން ވަނީ ދަމައިގަނެފައެވެ.

ދިވެހި ތާރީހުގެ ވާހަކަތައް ދައްކާ ޒުވާން ޖީލު މަޑުމަޑުން ނެތެމުންދިޔަ އިރު، އެކަން އެގޮތަށް ވުމާއި ދެކޮޅަށް ތެދުވި ޒުވާނުންކޮޅު އެންމެން އާޝޯޚްކޮށްލައިފިއެވެ. ޓެކްނޮލޮޖީއާއި ދިވެހިތާރީޚު ގުޅުވާލައިފިއެވެ. އަމަލީ ދިވެހި ހަމަ ހަގީގަތުގައިވެސް ކަމުގޮސްފިއެވެ.

Advertisement

ކޮމެންޓް