އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އިންތިޚާބުކުރުން ޖޫންމަހުގެ 7ވަނަ ދުވަހުގައި!

15 Apr 2021 | 09:04

2021ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަކަށް އދ.ގެ އާންމު މަޖިލީހުގެ 76ވަނަ ރައީސްކަން ކުރާނެ ފަރާތް އިންތިޚާބުކުރާނެ ތާރީޚެއް އިޢުލާންކޮށްފިއެވެ.

އދ.ގެ އާންމު މަޖިލީހުގެ 75ވަނަ ސެޝަންގެ ރައީސް، ތުރުކީގެ ވޮލްކަން ބޮޒްރިކް ކުރެއްވި ޓްވީޓެއްގައިވާ ގޮތުގައި އާ ސެޝަންގެ ރައީސް އިންތިޚާބުކުރުން އޮންނާނީ މިއަހަރުގެ ޖޫންމަހުގެ 7ވަނަ ދުވަހުގައެވެ. އޭގެ ކުރިން ޖޫންމަހުގެ 6ވަނަ ދުވަހުގައި ކެންޑިޑޭޓުންނާ އެކު ޚާއްޞަ ބައްދަލުވުމެއް ބޮޒްރިކް ބާއްވަވާނެއެވެ. މި ބައްދަލުވުމުގައި ކެންޑިޑޭޓުންގެ ކިބައިން އެހުމަށް ބޭނުންވާ ސުވާލުތައް ހުށައެޅުމުގެ ފުރުޞަތު މިމަހުގެ 23ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލެވިފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަމަށް ކުރިމަތިލެވޭނީ އޭޝިޔާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ ފަރާތުންނެވެ. މިމަޤާމަށް މި ސަރަޙައްދުން ދެ ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

އެއީ ދިވެހިރާއްޖޭގެ މިހާރުގެ ފޮރިން މިނިސްޓަރ ޝާހިދު އަދި އަފްޣާނިސްތާނުގެ ފަރާތުން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ޒަލްމާއި ރަސޫލްއެވެ. ޑރ.ޒަލްމާއިއަކީ މީގެކުރިން އަފްޣާނިސްތާނުގެ ޚާރިޖީ ވަޒީރުކަމާއި އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވަޒީރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

މި އިންތިޚާބު ކާމިޔާބުކުރުމަށް ޑރ.ޒަލްމާއި އަދި މިނިސްޓަރ ޝާހިދު ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ.

Advertisement

ކޮމެންޓް