މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗް ކަމުން މޮރީނިއޯ ވަކިކޮށްފި

18 Dec 2018 | 15:29

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ކަމުގެ މަގާމައި ހަވާލުވިތާ ދެ އަހަރައި ބައި ފަހުން މޮރީނިއޯ މަގާމުން ވަކިކޮށްފިއެވެ.

ޕޯޗުގަލްއަށް ނިސްބަތްވާ އުމުރުން 55 އަހަރުގެ މޮރީނިއޯވަނީ އިނގިރޭސި ލީގް ކަޕް އަދި ޔުއޭފާ ޔޫރޯޕާ ލީގް ޔުނައިޓެޑަށް ކާމިޔާބު ކޮށްދީފައެވެ.

ނިމިދިޔަ ސީޒަނުގައި ޔުނައިޓެޑް ލީގުގެ ދެވަނަ މަގާމުގައި އޮވެ ނިންމާލި ނަމަވެސް މިސީޒަނުގައި ޔުނައިޓެޑުން ދައްކަމުންދާ ދަށް ނަތީޖާތަކުގެ ސަބަބުން އެޓީމު އޮތީ އެއްވަނައިގަ އޮތް ލިވަޕޫލަށްވުރެ 19 ޕޮއިންޓް މަދުން ލިބިގެން ތާވަލުގެ ހަވަނައިގައެވެ.

މިކަމައި ގުޅޭ ގޮތުން ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ސީޒަން ނިމެންދެން ވަގުތީ މެނޭޖަރެއް ހަމަޖައްސާނެ ކަމަށައި ދާއިމީ މެނޭޖަރެއް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ކްލަބުން ކުރިއަށް ގެންދާނެ ކަމުގައެވެ. މީގެ އިތުރުން އެ ބަޔާނުގައި މޮރީނިއޯ ޔުނައިޓެޑަށް ކޮށްދިން ހިދުމަތްތަކުގެ އަގު ވަޒަންކޮށް އެކަމަށް ޝުކުރު އަދާކޮށްފައިވެސްވެއެވެ.

މި ސީޒަނުގައި ޔުނައިޓެޑް ލީގުގައި ކުޅުނު 17 މެޗުން ލިބުނު 26 ޕޮއިންޓަކީ 1990/1991 ވަނަ ސީޒަނުގެ ފަހުން އެ ކްލަބް ހޯދާފައިވާ އެންމެ ދަށް ނަތީޖާއެވެ.

Advertisement

ކޮމެންޓް