ﷲ ގެ ހުކުމްފުޅުގެ އަގުވަށްޓާލަން އުޅުމަށްވުރެ ޝަހީދު ކަންބޮޑުވީ ނަސީމްގެ އަގުވަށްޓާލާތީ
އިސްލާމީ ޝަރީއާގައި ﷲ ތައާލާ ބާވައިލައްވާފައިވާ މައިގަނޑު ހުކުމްތަކުގެތެރޭގައި ހިމެނޭ ގިސާސްހިފުން ދިވެހި ރާއްޖޭގައި އަމަލުނުކުރާނެކަމަށް އދ ގައި ވާހަކަދެއްކުމަށްފަހު، މޮރޮޓޯރިއަމް އޮންދަ ޔޫސް އޮފް ދަ ޑެތު ޕެނަލްޓީ އާއި ދެކޮޅަށް ދިވެހި ރާއްޖެއިން ދިން ވޯޓަކީ ފާހަގަކުރަންޖެހޭ ކަމެކެވެ.
މިވޯޓުން ދައްކައިދެނީ ސަރުކާރުތެރޭގައި އިސްލާމް ދީނާއި ބީރަށްޓެހި ލިބަރަލް ފިކުރުގެ މީހުންނާ ދީނަށް ލޯބިކުރާ މީހުންނާ ދެމެދު ނުތަނަވަސްކަމެއް ހިގައިފިކަމެވެ. މިނުތަނަވަސްކަމުގެތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް މިނެންގެވީ ރަނގަޅު ވަގުތުގައި ރަނގަޅު ޑިސިޝަނެކެވެ. އެމަނިކުފާނަށް ތާރީފް ކުރަމެވެ.
ނިއުޔޯކްގައި ހުންނަވާ ދިވެހި ރާއްޖޭގެ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު އދގެ އާއްމު މަޖިލީހުން ފާސްކުރި މިގަރާރާއި ދެކޮޅަށް ވޯޓް ދެއްވަމުން ސަބަބު ބަޔާންކޮށްދެއްވިއެވެ. 2014 ވަނަ އަހަރު ވުޖޫދަށް އައި ގާނޫނުލް އުގޫބާތުގައި ކަނޑައެޅޭ ވަކި ހާލަތްތަކެއްގައި އަދަބެއްގެ ގޮތުން މަރުގެ ހުކުމް ތަންފީޒުކުރެވެންޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ އިސްލާމީ ޝަރީއަތާ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒުކުރެވެންޖެހޭނެކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ދިވެހި ރާއްޖޭގައި އަމަލުކުރަނީ އިސްލާމީ ޝަރީއާކަމަށް ގާނޫން އަސާސީގައި ބަޔާންކޮށްފައިވީނަމަވެސް ގިސާސް ހިފުމުގެ ހުކުމް އަދި ވައްކަން ކުރާމީހުންގެ މައްޗަށް އަތްކެނޑުމުގެ ހުކުމް ރާއްޖޭގައި ތަންފީޒުނުކުރާތާ 60 ހަކަށް އަހަރުވެއްޖެއެވެ.
2008 ވަނަ އަހަރު ފާސްކޮށް އަމަލުކުރަންފެށި އައުގާނޫން އަސާސީ އެކުލަވައިލެވެމުންދިޔައިރު އިސްލާމީ ޝަރީއާ ތަންފީޒުކުރުމުގެ ބަހުސްތަކެއް ހިގިއެވެ. އެކަމަކު އޭރު އޮތް ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ގިސާސް ހިފުމާއި އަތްކެނޑުންފަދަ ހުކުމްތައް ތަންފީޒުކުރަން ބޭނުންނުވެއެވެ.
އެބަހުސްތެރޭގައި ސަރުކާރު ތަމްސީލުކުރަންތިއްބެވި މެމްބަރުން ފާޅުގައި އެހުކުމް ތަންފީޒުކުރަން ދެކޮޅުކަން ފާޅުކުރިއެވެ. އެބޭފުޅުންގެ ނަޒަރުގައި އަތްކަނޑާނަމަ ރާއްޖޭގައި މުޅިން ތިބޭނީ އަތްކަނޑާފައި ތިބޭ މީހުންނެވެ. އޭގެކުރިއަކުންވެސް އަދި ފަހަކުންވެސް ގިސާސް ހިފުމާއި އަތްކެނޑުމެގެ ވާހަކަތަކެއް ނުދައްކައެވެ.
ރައީސް އަބްދުﷲ ޔާމީންވެރިކަމަށް ވަޑައިގެން މީހުންމަރާމީހުންގެ މައްޗަށް ގިސާސްހިފުމުގެ ހުކުމް ދިވެހި ރާއްޖޭގައި އެމަނިކުފާނުގެ ސަރުކާރުން ތަންފިޒުކުރާނެކަމަށް ވިދާޅުވާން ފެށްޓެވުމާއި ހަމައަށެވެ. ޔާމީންގެ ސަރުކާރު ބަދަލުވުމާއެކު ސަރުކާރުގެ ސިޔާސަތަށް އައި އެންމެ ބޮޑު ބަދަލަކަށް ފާހަގަކުރެވިގެންދިޔައީ އދގެ މޮރޮޓޯރިއަމް ގަރާރަށް ދިވެހި ސަރުކާރުން ތާއީދުކުރާކަން ދުނިޔެއަށް ހާމަކުރުމެވެ. އެނިންމުން އަނެއްކޮޅަށް ޖެހި ސަބަބަކަށް އަލީ ނަސީރު ވިދާޅުވި ވާހަކައަކީ އެގަރާރަށް ޔެސް އޭ ބުނަން ނިންމުމުގެކުރިންވެސް ބުނެވެން އޮތް ވާހަކައެކެވެ.
ކޮންމެއަކަސް ގަރާރާއި ދެކޮޅަށް ދިވެހި ސަރުކާރުގެ ނިންމެވި ނިންމެވުމަށް ދިވެހި ރާއްޖޭގައި ވަރަށް ގިނަ ބަޔަކު ހިތްހަމަޖެހުން ފާޅުކުރިނަމަވެސް އެގަރާރާ ދެކޮޅުވުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހިގެން އުޅޭބަޔަކުވެސް އެބައުޅެއެވެ. އޭގެތެރެއިން އެންމެ ފާހަގަކުރެވޭ އެއްބޭފުޅަކީ ރާއްޖޭގައި މައުމޫންގެ ވެރިކަމުގައާއި ނަޝީދުގެ ވެރިކަމުގައި ޚާރިޖީ ވަޒީރުކަން ކުރެއްވި ޑޮކްޓަރ އަހުމަދު ޝަހީދެވެ. އޭނާއަކީ ދުނިޔޭގައި ހުރިހައި ދީންތަކުގެ ހައްގުގައި ވަކާލާތު ކުރުމަށް އދން ކަނޑައަޅާފައިހުންނަ ޚާއްސަ މަންދޫބެކެވެ.
ޝަހީދު ވިދާޅުވެފައިވާގޮތުގައި މިގަރާރާއި ދެކޮޅަށް ވޯޓްދީގެން ދުނިޔޭގެ ކުރިމަތީގައި ކެރަފާ ނަސީމުގެ އަގު ވަށްޓައިލެވެނީއެވެ.
ނަސީމަކީ އެގަރާރަށް ދިވެހި ރާއްޖެއިން ތާއީދުކުރާކަމަށް ވިދާޅުވި ބޭފުޅާއެވެ. ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު އދގެ ކޮމެޓީ އެގެއިނިސްޓް ޓޯޗާގައި ވާހަކަ ފުޅު ދައްކަވަމުން ނަސީމް ވިދާޅުވެފައިވަނީ " މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ލިބިފައިވާ މައުލޫމާތުތަކަށްބަލާއިރު ޖުމްލަ 18 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވޭ. މިމީހުންގެ މެޖޯރިޓީ މީހުންގެ މައްޗަށް އިއްވާފައިވަނީ އުމުރު ދުވަހުގެ ޖަލުހުކުމް. މިހާރު ތިބީ އެންމެ ތިން މީހުން މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި. އެންމެފަހުންމަރުގެ ހުކުމެއް އިއްވާފައިވަނީ 1954 ވަނަ އަހަރު" އަދި އދގެ މޮރޮޓޯރިއަމް އޮންދަ ޔޫސް އޮފް ދަ ޑެތު ޕެނަލްޓީއަށް ދިވެހި ޜާއްޖެއިން އެހެންފަހަރުތަކާއި ޚިލާފަށް މިފަހަރު އާބަސް ބުނާނެކަމަށްވެސް ނަސީމް ވިދާޅުވެފައިވެއެވެ.
ޑޮކްޓަރ ޝަހީދުގެ ނަޒަރުގައި މިގަރާރަށް ތާއީދުކޮށްފައި ދެކޮޅު ހެދުމުން އެއްވެސް އެހެން ޕްރޮމިސްއެއްގައި ދިވެހި ރާއްޖެ ހިފަހައްޓަފާނެކަމާމެދު އޭނާއަށް ޝައްކެވެ. ނަޒަރުގައި ނަސީމަކީ ޔާމީންގެ ސަރުކާރާއިދެކޮޅަށް ބައިނަލް އަގުވާމީ މުޖްތަމައުގައި އެންމެ ބޮޑަށް އަޑުއުފުލި ބޭފުޅާއަށްވާތީ އދގައި އޭނާބުނެފައިވާ އެއްޗަކާއި ދެކޮޅު ހެދުމަކީ ދުނިޔޭގެ ކުރިމަތީގައި އޭނާގެއަގުވަށްޓައިލުމެވެ. ﷲގެ ހުކުމްފުޅުތަކުގެ އަގުވަށްޓައިލުމަށްވުރެ ނަސީމުގެ އަގުވެށްޓިދާނެތީ ޝަހީދު ދެރަވެ ކަންބޮޑުވަނީތާއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists