ސީދާ މޫނަށް ޕެޕަރ ސްޕްރޭ ޖަހާ ފުލުހުން ތިބެންވާނީ ހައްޔަރުކުރެވިފައި: ޑރ.ޝަހީދު

03 May 2021 | 11:46

އެއްވުންތަކުގެ ތެރެއިން، ސީދާ އާންމުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާ ފުލުހުން ހައްޔަރުކުރުމަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ.އަޙްމަދު ޝަހީދު ގޮވާލައްވައިފިއެވެ.

އދ.ގެ ދީނީ މިނިވަންކަމާއިބެހޭ ޚާއްޞަ ރެޕެޓުއަރކަމުގެ މަޤާމު މިހާރު އަދާކުރައްވަމުން ގެންދަވާ ޑރ.ޝަހީދު މިފަދައިން ވިދާޅުވެފައިވަނީ މަސައްކަތުގެ މާޙައުލުގައި ކުރާ ޖިންސީ ފުރައްސާރައާއި ދެކޮޅަށް، މާލޭގެ މަގުމަތީގައި ޒުވާނުންތަކެއް ރޭ ބޭއްވި އެއްވުން ރޫޅާލުމުގައި ފުލުހުން ބާރުގެ ބޭނުންކުރިގޮތުގެ ވީޑިޔޯއެއް ހިއްސާކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޝަހީދު ވިދާޅުވީ މޫނު ހޯދާފައި މޫނަށް "ޕޮއިންޓް ބްލޭންކް"ކޮށް ޕެޕަރ ސްޕްރޭ ޖެހި ފުލުހުން ތިބެންޖެހޭނީ ހައްޔަރު ކުރެވިފައިކަމަށެވެ. އަދި ޖިސްމާނީ ގެއްލުން ނުވަތަ އަނިޔާ ދިނުމަކީ އެއްވެސް ގޮތަކަށް ހުއްދަ ކުރެވިގެންވާނެކަމެއް ނޫންކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

މާފަންނު ރަސްފަންނު ބީޗު ސަރަޙައްދުން ފެށި މި އެއްވުމުގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ މަސައްކަތުގެ މާޙައުލުގައި ޢާންމުވެފައިވާ ޖިންސީ ފުރައްސާރައާއި ޖިންސީ ގޯނާގެ މައްސަލަތަކަށް އިންސާފު ހޯދައިދީ ރައްކާތެރި މަސައްކަތުގެ މާޙައުލެއް ޤާއިމުކުރުމަށް ކަމާއިބެހޭ ފަރާތްތަކަށް ގޮވައިލުމެވެ.

މި އިހުތިޖާޖު ފުލުހުން ރޫޅާލައިފައި ވަނީ ފަސް މީހުންނަށްވުރެ ގިނައިން ތަންތަނަށް އެއްވެ ނޫޅެވޭނެ ކަމަށް ބުނެއެވެ. 

Advertisement

ކޮމެންޓް