ކޮވިޑްގެ ހާލަތުގައި ސަރުކާރުން ޢަމަލުކުރަމުންދާގޮތަށް މެންބަރު އާދަމް ޝަރީފްގެ ފާޑުކިޔުން!

25 May 2021 | 22:09

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ހާލަތު ދަށަށް ގޮސްފައިވާތީ އެކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަށްވުރެ މާ ފުދުންތެރި ކަމެއްނެތް ދުވަސްވަރު ވެސް ޝިގެއްލާ އަދި ކޮލެރާ ފަދަ ބަލިތަކުން ރައްޔިތުން ހާލުގައި ނުޖެހި އެބަލިތަކުން ރާއްޖެއަށް އަރައި ގަނެވިފައިވާ ކަމަށެވެ.

އަދި ވަކިވަކި ރަށްރަށުގެ ގޮތުގައި އުފެދިފައި އޮތުމުގެ ސަބަބުން ކޮވިޑް-19 ފަސޭހައިން ކޮންޓްރޯލް ކުރެވޭގޮތަށް އޮތް މިޤައުމު، މިއަދު ބިލިއަނުން ޚަރަދު ކުރަން ލިބި ރައްޔިތުންނާއި ޤައުމު މިހާލަތަށް ވެއްޓުމުން އަގުހުރި ޢިބުރަތްތަކެއް ހާސިލު ކުރަން ޖެހޭކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވެފައިވެއެވެ.

އާދަމް ޝަރީފްވަނީ ކޮވިޑާއި ގުޅިގޭ ސަރުކާރުގެ ބައެއް ސިޔާސަތުތައް ހިމަނުއްވާ ލިސްޓެއް އެކުލަވާލައްވާ އެކަންކަމަށް ފާޑުވިދާޅުވެފައެވެ.

އާދަމް ޝަރީފް ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، އެހެން ޤައުމުތައް އިންޑިއާގެ ހާލާމެދު ބިރު ހީވެ ބޯޑަރ ބަންދު ކުރިއިރުވެސް ރާއްޖޭގައި އެކަން ނުކުރުމާއި، ފުރިހަމަ މިނިވަންކަން ނެތުމުން އިންޑިއާގެ ކަރަންޓީނު ހަބަކަށް ރާއްޖެ ހަދަން ޖެހުންކަމަށް ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން، ވެކްސިން ގަތުމުގައި ވެސް މިނިވަންކަމާއި ތެދުވެރިކަން ނެތް ކަމަށާއި، ވެކްސިންގެ ދިގު ސަފުތަކާއި، ވެކްސިން ދިނުމުގައި ޤައުމުގެ ފަރުދުން އިސްނުކުރުމާއި، ސަރުކާރުގެ ބޭނުންތަކަށް ރަށްރަށަށް ކަރަންޓީނު ނުވެ ދަތުރު ކުރެވޭ ޚާއްޞަ ހުއްދަ ދޫކުރުމާއި، ހޭދަ ކުރެވެންޖެހޭ ކަންކަމަށް ހޭދަ ނުވެ ޚިޔާނާތްތެރިވުން، މި ލިސްޓްގައި ހިމަނުއްވާފައިވެއެވެ.

އަދި ޤައުމުގައި ތިބި ހަރުދަނާ ފަންނީ މީހުންގެ ބޭނުން ނުހިފުމާއި ރައްޔިތުންގެ ހާލާ ދޭތެރޭ ހަމްދަރުދީއެއް ނެތުމަކީ މިހާލަތަށް ވެއްޓެން ޖެހުނު ސަބަބުތަކެއްގެ ގޮތުގައި ވިދާޅުވެފައިވެއެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނާއި މަރުވާ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު، ސަރުކާރުން މިކަމަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރާ ކަމަށް އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުންވެސް ހިމެނެއެވެ.

ފޮޓޯ: އެޑިޝަން

Advertisement

ކޮމެންޓް