އިޒްރޭލުން ޣައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި

16 Jun 2021 | 12:18

ޣައްޒާގައި ހަރަކާތްތެރިވާ ހަމާސް ޖަމާއަތާ އިޒްރޭލާއި ދެމެދުގައި އޮތް ހަމަަލާ ބަދަލުކުރުން ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމުގައި ރެނދުލައި، ޣައްޒާއަށް އިޒްރޭލުން ވައިގެ ހަމަލާތަކެއް ދީފިއެވެ.

ރޭގެ ވަގުތެއްގައި އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ، ޣައްޒާގައި ހަރަކާތްތެރިވާ ފަރާތްތަކުން ހުޅުހިފާނެފަދަ ފުއްޕާހަންތަކެއް ދޫކުރުމުން ކަމަށްބުނެއެވެ. މި އަމަލުގެ ސަބަބުން، ޣައްޒާގެ ކައިރިން އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުގެ 20 ވަރަކަށް ތަނުގައި ރޯވިކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

މިކަމުގައި ބަދަލުގައި ކަމަށްބުނެ، އިޒްރޭލުން ވަނީ ޣައްޒާ އަދި ޚާން ޔޫނިސްއަށް ވައިގެ މަގުން ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް އައިކަން ހަމާސް ޖަމާއަތުންވެސް ކަށަވަރުކޮށްދީފައިވާއިރު، ހަމަލާތަކުގެ ސަބަބުން ލިބުނު ގެއްލުންތަކެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. އިޒްރޭލުން ބުނިގޮތުގައި އެމީހުންގެ ސިފައިން ހަމަލާދީފައިވަނީ ހަމާސްގެ މަރުކަޒުތަކަކަށެވެ. އަލްޖަޒީރާއިން ބުނާގޮތުގައި، އިޒްރޭލުގެ ހަމަލާތަކަށް ރައްދުދިނުމަށް ފަލަސްތީނުގެ ފަރާތްތަކަށް މިހާތަނަށް އަމުރެއް އައިސްފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ހަމަލާތައް އައިސްފައިވަނީ އިޒްރޭލާއި ޣައްޒާގައި ހަރަކާތްތެރިވާ ޖަމާއަތްތަކާއި ދެމެދުގައި 11 ދުވަސް ވަންދެން ހަމަލާތައް ބަދަލުކުރުމަށްފަހު، ހަމަލާތައް ބަދަލުކުރުން ހުއްޓާލަން އެއްބަސްވިތާ މަހެއްހާ ދުވަސް ފަހުންނެވެ. 

އިޒްރޭލަށް ދާދިފަހުން ވަނީ އާ ސަރުކާރެއް އައިސް، ބެންޖަމިން ނެތަންހާޔޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް ގެނެސްފައެވެ.

Advertisement

ކޮމެންޓް