ރައީސް ނަޝީދަށް ދިން ހަމަލާއާ ގިނަ އަދަދެއްގެ ފައިސާތަކާއި ގުޅޭކަމަށް ނާޒިމް ތުހުމަތުކުރައްވައިފި

20 Jun 2021 | 20:45

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ތެރޭގައި ދިން ހަމަލާއާ ގިނަ އަދަދެއްގެ ފައިސާތަކާއި ގުޅޭކަމަށް އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު އަލްއުސްތާޛު ނާޒިމް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

އެބޭފުޅާ މިހެން ވިދާޅުވެފައިވަނީ ރައީސް ނަޝީދަށް ހަމަލާދިން ފަރާތްތައް އެއް ލޯންޗެއްގައި މެއިމަހުގެ ކުރީކޮޅުގައި ދަތުރުކުރަނިކޮށް، ފުލުހުން ހުއްޓުވާފައިވަނިކޮށް ނެގި ފޮޓޯއެއް ޓްވީޓްކުރައްވަމުންނެވެ.

ނާޒިމް ވިދާޅުވީ އެ ލޯންޗްގެ ފޮޓޯގައި ކަޅު ކުލައިގެ ގަމީހެއް ލައިގެން އިށީނދެގެން އިނީ ޣައްސާން ކިޔާ މީހެއްކަމަށާއި، އޭނާ ރައްޓެހިވެގެން އުޅޭ އަންހެންކުއްޖާގެ އެކައުންޓްގައި އެއް މިލިޔަން ރުފިޔާ ހުރިކަމަށް އަޑުއިވިވަޑައިގެންފައިވާކަމަށެވެ. ނާޒިމް ވަނީ މިއީ ތެދެއްތޯ ސުވާލު އައްސަވާފައެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން މިހާތަނަށް ވަނީ 4 މީހަކު ހައްޔަރުކޮށްފައެވެ. އެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލްގެ އިތުރުން ޖަރުމަނުވިލާތުންވެސް ފަރުވާ ހޯއްދަވާފައެވެ.

މި ހަމަލާއަށް ޚަރަދުކުރި ބަޔަކު ހޯދައި އެކަން ހާމަކުރުމަށް ގިނަބަޔަކު ދަނީ ސަރުކާރަށް ގޮވާލަމުންނެވެ.

Advertisement

ކޮމެންޓް