މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރާނީ އަޅުގަނޑު: އުމަރު ނަސީރު

27 Jun 2021 | 22:11

ރާއްޖޭގައި އެންމެ ބޮޑުވެފައިވާ އިޖުތިމާޢީ އެއް މައްސަލަ ކަމުގައިވާ މަސްތުވާ ތަކެތީގެ މައްސަލަ ހައްލު ކުރާނީ އުމަރު ނަސީރު ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާ ކުރުމަށް ފޮނުވާ މައްސަލަތަކުގެ 65 އިންސައްތައަކީ މަސްތުވާ ތަކެއްޗާއި ގުޅުންހުރި މައްސަލަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވާތީ، އެކަމާއި ގުޅޭގޮތުން ކުރީގެ ހޯމް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އުމަރު ފޭސްބޫކުގައި ވިދާޅުވީ، ވޭތުވި 5 އަހަރު ތެރޭ ޑްރަގްގެ 12،000 އަށް ވުރެ ގިނަ މައްސަލަ ފުލުހުންނަށް ހުށަހެޅުނު ކަމަށާއި، އެތައް ސަތޭކަ އާއިލާ އަކަށްވަނީ މިކަމުގެ އަސަރު ކޮށްފައި ކަމަށެވެ.

އަދި އެތައް ދަރިންނެއް ވަނީ މަގުމަތިވެފައި ކަމަށާއި މިކަމުގެ ސަބަބުން ދަޢުލަތަށް ވަނީ ބުރަބޮޑުވެފައި ކަމަށާއި ނަމަވެސް، އެއްވެސް ޕާޓީއަކަށް އަދި އެއްވެސް ވެރިޔަކަށް ވެސް މައްސަލަ ހައްލުކޮށް ނުދެވުނު ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

"އިރާދަކުރެއްވިއްޔާ މި މައްސަލަ ހައްލު ކުރާނީ އަޅުގަނޑު" އުމަރު ނަސީރު ވިދާޅުވެފައިވެއެވެ.

މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ވަގުފާރުކުރުމާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަޤުވާމީ ދުވަހުގެ މުނާސަބަތުގައި އިއްޔެ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކޮށްފައިވާ ހިސާބުތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމު ވިދާޅުވީ ޕީޖީ އޮފީހަށް އެންމެ ގިނައިން ހުށަހެޅެނީ މަސްތުވާތަކެތި ބޭނުންކުރުމާ ގުޅުންހުރި މައްސަލަތައް ކަމުގައެވެ.

ފާއިތުވި އަހަރުގައި މަސްތުވާތަކެއްޗާ ގުޅުންހުރި 1،425 މައްސަލައެއް ފުލުހަށް ހުށަހެޅިފައިވެއެވެ. އެ މައްސަލަތަކުިގައި 1،219 މީހަކު ހައްޔަރުކޮށް ތަހުގީގުކުރިއެވެ.

Advertisement

ކޮމެންޓް