ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ މަޢުލޫމާތު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

13 Jul 2021 | 22:32

ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން ބޭނުންވާ މަޢުލޫމާތު އަދިވެސް ބައެއް ފަރާތްތަކުން ހުށަހަޅާފައި ނުވާތީއާއި، ހުށަހެޅިފައިވާ ބައެއް ފޯމުތައް ފުރިހަމަވެފައި ނުވާތީ، އެއްބަސްވުމަށް ބޭނުންވާ މަޢުލޫމާތު ފޯމު ހުށަހެޅުމުގެ މުއްދަތު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން އިތުރުކޮށްފިއެވެ.

އެ ކުންފުނިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ހިޔާ ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭނުންވާ މަޢުލޫމާތު އެޗްޑީސީއަށް ހުށަހެޅުމަށް ހުޅުވާލާފައިވަނީ 2021 ޖުލައި 31 އަށް ކަމަށްވީނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް ފޯމު ހުށަހަޅާފައި ނުވާތީއާއި ހުށަހަޅާފައިވާ ބައެއް ފޯމުތައް ފުރިހަމަ ނުވާތީ ކަނޑައެޅިފައިވާ ތާވަލާއި އެއްގޮތަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، އެ ކުންފުނިން އާންމު ކޮށްފައިވާ ފޯމުތައް ފުރިހަމަ ކުރުމަށްފަހު ހިޔާ 7000 ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށް އެކުންފުނިންވަނީ ބުނެފައެވެ. އަދި އެ ކުންފުނީގެ ރިސެޕްޝަނުންވެސް ފޯމު ހުށަހެޅުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މީގެ އިތުރުން، ބައެއް ޓަވަރުތަކުގެ ފޯމް ބަލައިގަނެވޭނެ އެންމެ ފަހުގެ ތާރީޚަކީ ޢީދު ބަންދު ދުވަސްތަކަކަށް ތާވަލު ކުރެވިފައިވާތީ ރިސެޕްޝަނަށް ފޯމް ހުށަހަޅާ ފަރާތްތަކުން ޢީދު ބަންދު ދުވަސްތަކުގެ ކުރިން ހުށަހެޅުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އެ ކުންފުނިން ބުނެފައިވަނީ، ކޮންމެ ޓަވަރެއްގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ވަކި ތާރީޚެއް ކަނޑައެޅިފައި އޮތް ނަމަވެސް އެއްބަސްވުން ތައްޔާރުކޮށް، ސޮއި ކުރުމަށް ތާވަލު ކުރެވޭނީ، މަޢުލޫމާތު ފޯމް ފުރިހަމަކޮށް އެ ކުންފުންޏަށް ހުށަހަޅާފައިވާ ފަރާތްތަކާއިއެކު ކަމަށާއި، އެހެންކަމުން އެކުންފުނިން އާންމުކޮށްފައިވާ ތާވަލުގައިވާ މުއްދަތުގެ ކުރިން އޮންލައިން ޕޯޓަލް މެދުވެރިކޮށް ނުވަތަ ރިސެޕްޝަނަށް ފޯމް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.

ފޮޓޯ: އެޑިޝަން 

Advertisement

ކޮމެންޓް