ސްޓެލްކޯއަށް ކާމިޔާބު ދުވަހެއް، މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ސިންކްރޮނައިޒްކޮށްފި

18 Jul 2021 | 17:35

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)ގެ ފިފްތް ޕަވަރ ޕްރޮޖެކްޓްގެ ދަށުން މާލެއާއި ހުޅުމާލޭގެ އިންޖީނުގެ ސިންކްރޮނައިޒްކޮށްފިއެވެ.

އެކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މާލެއާއި، ހުޅުމާލޭގެ އިންޖީނުގެ ގްރޭޓަރ މާލެ ގްރިޑް މެދުވެރިކޮށް ކާމިޔާބުކަމާއެކު މިހާރު ސިންކްރޮނައިޒް ކުރެވިފައިވާކަމަށެވެ. އަދި މިހާރު މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެވޭނެކަމަށް ވަނީ ބުނެފައެވެ. ސްޓެލްކޯއިން ބުނީ ގްރޭޓަރ މާލެ ގްރިޑާއިއެކު ހަކަތައިގެ ސިނާއަތުގެ މުޅިން އައު ހަރުފަތެއް ގިރާކޮށްފައިވާކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މި ގްރިޑާއެކުއެކު އެ ކުންފުނިން ދެމުންގެންދާ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެ، އެކަމުގެ ފައިދާތައް ރައްޔިތުންނަށް ލިބެމުންދާނެކަމަށްވެސް ވަނީ ފާޙަގަކޮށްފައެވެ.

މީގެ އިތުރުން ކޮވިޑްގެ ދަތި ހާލަތުގައިވެސް މަސައްކަތައް ހުއްޓުމެއް ނައިސް މި މަސައްކަތް ކާމިޔާބުކަމާއެކު، ނިންމާލުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުންގެންދާ ސްޓެލްކޯގެ އެންމެހާ މުވައްޒަފުންނަށް ވަނީ ޚާއްސަ ޝުކުރެއްވެސް އަދާކޮށްފައެވެ.

މީގެ އިތުރުން މިމަހުގެ 22 ވަަނަ ދުވަހު ހުޅުމާލޭގެ ސަބްސްޓޭޝަން އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ގްރޭޓަރ މާލެ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްއޫއެކެވެ.މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ސްޓެލްކޯއިން ބަހައްޓާފައިއެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިފައި ވާކަމަށް ސްޓެލްކޯއިން ބުނެއެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement