Advertisement

އޮޔާއި ދެކޮޅަށް ފެތި މީހާ ކުށްވެރިވެ، ބަރަހަނާ ވި މީހާ ދޫކޮށްލާފައި!

28 Aug 2022 | 14:14

ރާއްޖޭގެ އިންސާފުގެ ތަރާދަށް މި އޮތީ ކިހެނެއް ވެފައި ހެއްޔެވެ؟ ކުށް ވަޒަން ކުރުމަށް މިހާރު ގެންގުޅޭ ތިލަފަތުގެ ކަށި ބިނދުނީ ހެއްޔެވެ؟

މި ސުވާލު އުފައްދަން މި ޖެހުނީ ހަގީގަތުގައިވެސް އިންސާފާއި ހަމަހަމަކަން މި ރާއްޖޭގައި ނެތްކަމުގެ އިހުސާސް ނުހަނު ބޮޑަށް ކުރެވިގެންނެވެ.

ދާދިފަހުން ނޫހެއްގެ ފަލަ ސުރުހީގައި ޖަހާފައި އޮތްވާ ތިޔަ ބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާނެއެވެ. ރާޅާއި ދެކޮޅަށް ފަތައި، އަމާޒަށް ތީރު ޖަހަން ދަސްކުރުމުން ނިރުބަވެރިކަމުގެ ދައުވާކޮށްފިއެވެ.

ތެދެކެވެ! މި ސަރުކާރަކީ ނިރުބަވެރިކަން ނައްތާލުމަށް ބާރަށް ކަމަރު ބަނދެގެން އޮތް ސަރުކާރެކެވެ. އެގޮތުން ޝައްކުގެ ނަޒަރުން ސަރުކާރުން ކަޅި އަޅަމުންދާ އެތައް ބައެއްގެ ލިސްޓު ފުލުހުން ގެންގުޅެއެވެ.

އޮޔާއި ދެކޮޅަށް ފެތުމާއި އަމާޒަށް ތީރު ޖެހުމަކީ ބައިނަލް އަގުވާމީ މައިދާނުގައި ޝަރަފުވެރިކަމާއެކު ކުޅޭ ކުޅިވަރުތަކަކަށް ވީނަމަވެސް އުމުރުން އެންމެ 28އަހަރުގެ މުނާޒުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ސަރުކާރުން ނިންމީ އޭނާ ގެ ނަންވެސް ނިރުބަވެރިއެއްކަމަށް ސަރުކާރުން ޝައްކުކުރާ މީހުންގެ ދަފްތަރުގައި އޮތުމާއެކުގައެވެ.

ކޮންމެއަކަސް މުޖުތަމައުގައި ހަމަނުޖެހުމެއް އުފެދޭނެ ކަމަކަށް ޖާގަ އޮވެގެން ނުވާނެއެވެ. ދުރާލާ އެފަދަ އަމަލުތަކަށް މަގުފަހިވެދާނެ ދޮރުތައް ބަންދުކުރުމަކީ މި ކަމުގައި އޮތް އެންމެ ބުއްދިވެރި ގޮތްކަން ގަބޫލުވެސް ކުރަމެވެ. އަދި އެކަމަށްޓަކައި، ސަރުކާރުން ކުރަމުންދާ މަސައްކަތަށް ތައުރީފުކުރާ ހިތްވެސް ވެއެވެ.

އެހެން ނަމަވެސް، ސަރުކާރުގެ އެ މަސައްކަތަށް ތައުރީފު ނުކުރެވެނީ ނިރުބަވެރިކަން ރާއްޖޭގައި އޮތް މިންވަރު ދެއްކުމަށާއި، އެފަދަ ފަރާތްތައް ހުއްޓުވުމަށް ސަރުކާރުގެ އޮތް ޝައުގުވެރިކަން އިޖްތިމާއީ ބޮޑެތި ކުށްތައް ހުއްޓުވުމަށް ގެންގުޅޭތަން ނުފެންނާތީއެވެ.

އޮޔާ ދެކޮޅަށް ފަތަން ދަސްކުރުމަކީ ނިރުބަވެރިކަން ދަސްކުރުމުގެ އުކުޅެއްކަމަށް ކަނޑައަޅާ ދިވެހި ޒުވާނެއްގެ މައްޗަށް ދައުވާކޮށްފައިވާއިރު، އިސްލާމީ މިންގަނޑުތަކާއި ޚިލާފަށް، ބަރަހަނާވެ، ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ކުރަމުންދާ "މިނިވަން ފިކުރުގެ" ޒުވާނުންނާއި މެދު އެއްވެސް ފިޔަވަޅެއް ނާޅައެވެ.

މިހާރުވެސް ނަން ބަދަލުކޮށް އަމިއްލައަށް އަންހެނަކަށްވެގެން އަންހެނުންގެ ހެދުން ލައިގެން، ނުވިތާކަށް އަމިއްލައަށް ބަރަހަނާވެ އޭނާގެ އަމިއްލަ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާއަށް ދޫކުރަމުންދާ ޔާޔާ ނަބީލު ހުރީ މިނިވަންކަން މަތީއެވެ. އޭނާ އެކަން ކުރަމުންދާތާ އެތައް ދުވަހެއް ވެގެންދާއިރު، ފިޔަވަޅެއް ނާޅާތާ އޭނާގެ އެ ކައުންޓު ބަންދުކުރުމަށްވެސް މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.

އެނގޭ އެއްޗަކީ ބަރަހަނާވުމާއި، ބަރަހަނާ މަންޒަރުތައް އާންމުކުރުމަކީ ކުށެއްކަމެވެ. އެއީ އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފުކަމެކެވެ. އަންހެނުން ފިރިހެން ވެގެން އުޅުމާއި، ފިރިހެނުން އަންހެން ވެގެން އުޅުމަކީ އިސްލާމް ދީނުގައިވެސް ނަހީކުރައްވާފައިވާކަމެކެވެ. އެހުންނަނީ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި ފުރުސަތު ދެވިގެންދާނެ ޒާތުގެ ކަންކަމެއް ނޫނެވެ.

އެހެން ނަމަވެސް ނަބީލު ނޫނަސް އެފަދައިން އިޖްތިމާއީ މިންގަނޑުތަކާއި ޚިލާފަށް ބަރަހަނާ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި އެތައް ބަޔަކު އާންމުކުރަމުންދާއިރު، އަދި ފިހިރެނުން އަންހެނުންނަށް ވެގެން ވީޑިއޯތައް ހަދާ، އެ ވީޑިއޯތައް ދައުރު ކުރަމުންދާއިރު، މި މަންޒަރުތައް ފެންނަ މުއައްސަސާއެއް ނެތެވެ.

މިކަންކަން މިފަދަ މައްސަލަތައް ބަލަން އޮންނަ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައިވީނަމަވެސް، ކަހާތަން ހިރުވާވެސް ނުލައެވެ. ފިޔަވަޅެއް ނާޅައެވެ. މިފަދަ ކަންކަން ހުއްޓުވުމަށް މަސައްކަތެއް ނުކުރެއެވެ. ސޯޝަލ މީޑިއާގައ ބަރަހަނާ ވުމާއި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމު ކުރުމަކީ އާދައިގެ ކުޑަ ކުޑަ ކަމެއްކަމުގައި ދެކެނީ ކަމަށް ވެދާނެއެވެ.

ބަރަހަނާ ފޮޓޯ އާންމުކުރުމަކީ އަނެކާއަށް ޖިސްމާނީ އަނިޔާއެއް ލިބޭ ކަމަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް އެފަދަ ކުށްތަކުގެ ސަބަބުން މުޖުތަމައަށް ލިބޭ އަނިޔާ ވަކި ކުޑައެއްވެސް ނޫނެވެ. މިއަދު ސޯޝަލް މީޑިއާއަށް ދޫކޮށްލާ އެފަދަ ކޮންމެ ވީޑިއޯއަކީ އަޅުގަނޑުމެންގެ ޅަ ދަރިންގެ އިނގިލިކުރިއާއި ހަމަޔަށް ފޯރާނެ އެއްޗެކެވެ. އެފަދަ ވީޑިއޯތަކުގެ ސަބަބުން އެންމެ ބޮޑު އަނިޔާއެއް ލިބޭނީ ތުއްތު ކުދިންގެ ޅަ ސިކުންދިތަކަށެވެ.  

ހިތާމައަކީ ބަރަހަނާ ވީޑިއޯ އާއި ފޮޓޯ އާންމުކޮށް އިޖްތިމާއި މިންގަނޑުތަކާއި ޚިފާފުވާ އެއްވެސް ފަރާތެއް ހައްޔަރުކޮށް، އެކަން ހުއްޓުވުމަށް ފުލުހުންގެ ދައުރު އަދާކުރަމުން ނުދާކަމެވެ. މިފަދަ ކަންކަމުގެ ހައްސާސްކަން އެނގޭ އެއްވެސް މުއައްސަސާއެއް ނެތްކަމެވެ.

ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވަމުންދާއިރު، މުޅިންހެން ފެންނަނީ ހަރުކުފިކުރު ފަހާ ދުވާ މަންޒަރެވެ. އިސްލާމް ދީނާއި ބީރައްޓެހި އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު އަދި މާތްﷲ ކޯފާ ލައްވާފައވާ މުންކަރާތްތައް ހުއްޓުވުމަށް މުއައްސަސާތަކުން އެއްވެސް އަހަންމިއްޔަތުކަމެއް ނުދޭކަމީ މިއަދު ރައްޔިތުންގެ މެދުގައިވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.  

އިންސާފު ގެއްލި ކުށް ވަޒަން ކުރުމަށް ގެންގުޅޭ ތިލަފަތުގެ ކަށި ބިނދިފައިވާކަމަށް ދަންނަވަން މި ޖެހެނީ އޮޔާއި ދެކޮޅަށް ފެތުމަކީ ނިރުބަވެރިކަމުގެ އުކުޅު ދަސްކުރުމަކީ ނިރުބައެރި އުކުޅުތަކެއްކަަމަށް ކަނޑައަޅައި ދައުވާ ކުރިއިރު، ސޯޝަލް މީޑިއާގެ މަންސަތަކުގައި ބަރަހަނާ ވުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ކަނޑައަޅާ އެފަދަ މީހުން މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ތިބޭތީއެވެ.

އަދި މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަށް މަތިވެފައި އޮންނަ ޒިންމާދާރު މުއައްސަސާތައްވެސް އެފަދަ މައްސަލަތަކުގައި ހަނު އޮންނާނީތެއެވެ.

Advertisement

ކޮމެންޓް