ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، މަސައްކަތްކުރަންޖެހޭ: މާރިޔާ
ދުނިޔޭގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އަންހެނުން ބާކީނުކޮށް، އިތުބާރާއި އެކުވެރިކަމުގެ ރޫޙެއްގައި، ޤައުމުތަކާއެކު ބައިނަލްއަޤްވާމީ ޖަމާޢަތެއް ބިނާކުރުމުގެ ތަޞައްވުރު ޙާސިލްކުރަން މަސައްކަތްކުރަންޖެހޭ ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، ރުވާންޑާގެ ވެރިރަށް ކިގާލީގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ވިމެންސް ފޯރަމްގެ "ސެޝަން އޮން ވިމެންސް އެންގޭޖްމަންޓް އިން ޕީސް އެންޑް ސެކިއުރިޓީ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއީ ކޮމަންވެލްތު ވިމެންސް ފޯރަމްގައި ދިވެހިރާއްޖޭގެ ވަޒީރަކު ވާހަކަފުޅު ދެއްކެވި ފުރަތަމަ ފަހަރެވެ.
މިނިސްޓަރ ވިދާޅުވީ، ބައިނަލްއަޤްވާމީގޮތުން ސަލާމަތާއި ރައްކާތެރިކަމަށް ހުރި "ހައިބްރިޑް ތްރެޓު" ތަކާއި ގޮންޖެހުންތައް ނުހަނު ފުޅާވެ، އުނދަގޫވެފައިވާ ދަނޑިވަޅެއްގައި، އެއްވެސް ޤައުމަކަށް އެޤައުމެއްގެ ސަލާމަތާއި ރައްކާތެރިކަން އަމިއްލަޔަށް ކަށަވަރުކުރުމަކީ މުސްތަޙީލު ކަމެއްކަމަށާއި، މިގޮންޖެހުންތަކާއި "ހައިބްރިޑް ތްރެޓު"ތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި އަންހެނުން ބާކީކޮށްގެން ނުވާނެ ކަމަށް މިނިސްޓަރ މާރިޔާ ވަނީ ވިދާޅުވެފައެވެ.
ސަބަބެއް ގޮތުގައި އެކަމަނާ ފާހަގަކުރެއްވީ ސަލާމަތީގޮތުން އަންނަ ލޮޅުންތަކާއި ކުރިމަތިވާ ކާރިސާތަކުން އެންމެ ބޮޑު ގެއްލުމަކާއި ބުރައެއް އުފުލަންޖެހޭ ބަޔަކީ އަންހެނުންނާއި ކުޑަކުދިންކަމުގައި ވާތީއެވެ.
މީގެ އިތުރަށް ދިވެހިރާއްޖޭގެ ދިފާޢާއި ސަލާމަތަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި އަންހެން ވަޒީރަކު އައްޔަންކުރައްވަން ރައީސް ޞާލިޙް ނިންމެވި ނިންމެވުމަކީ ވަރުގަދަ، ތާރީޚީ ނިންމެވުމެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists